ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީ އަށް ހާޒިރުކޮށް ހޫނު ގޮނޑީގައި ބަހައްޓާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ހައިދަރާ ސުވާލު ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިހުގެ ޖަލްސާ އަށް އެެޖެންޑާކުރި ނަމަވެސް އަމިއްލަ ސަބަބަކާ ހެދި އެ ޖަލްސާ އަށް ހައިދަރު ވަޑައިގެންފައެއް ނުވެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ ކުރީ ސަރުކާރުން މާލެއިން ދޫކޮށްފައި ހުރި ގޯއްޗާއި ފްލެޓުތައް ގެއްލިފައިވާ ކަމަށާއި މިނިސްޓަރު ހައިދަރު ވެސް މިހާރު ހުންނެވީ ފިއްލަވައިގެން ކަމަށެވެ. މަޖިލީހުގައި ހައުސިން ކޮމިޓީއެއް އުފެދިފައިވާކަން ފާހަގަކުރައްވަމުން ނާޒިލް ވަނީ އެ ކޮމިޓީގައި އޭނާ ވެސް އިންނަވާ ކަމަށާއި މިނިސްޓަރު ހައިދަރު ކޮމިޓީއަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ހައިދަރަކަށް ފަސޭހައެއް ނުވާނެ. ކޮމިޓީއަށް ގެންނާނަން، ހައިދަރު ހުންނަން ޖެހޭނީ ހަމަ ހޫނު ގޮނޑީގައި،" ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީން މިނިސްޓަރު ހައިދަރާއި ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އެހާ ހިސާބަށް ކަންކަން ގެންދާނެ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާ އަށް މިނިސްޓަރު ހައިދަރަށް ވަޑައިނުގެންނެވުނުއިރު، ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވުމަށް ޕެޓިޝަން ކޮމިޓީ އަށް މިނިސްޓަރު ހައިދަރު ވަޑައިނުގެންނެވުމުން ވެސް މައްސަލަ އޭރު ހޫނުވެފައިވެ އެވެ.