ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެމްޑީޕީން ކޮމިޓީއެއް އުފައްދައިފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ އަށް އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހިމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން މީހުން ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލަ ބަލައި، ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އުފެއްދުމަށެވެ.
އެ ކޮމިޓީގައި ހިމެނެނީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އާއި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދާއި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ އިތުރުން އަލިފުށި ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ) އާއި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާނެވެ.
މި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދެއްކި ހުރިހާ ބޭފުޅުން ވެސް ވަނީ ސަރުކާރު ކުންފުނިތަކުން މީހުން ވަޒީފާއިން ވަކިކުރަމުންދާތީ އާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސިޔާސީ މުވައްޒަފުން ވިޔަފައި، އިތުރު އެއްވެސް ތަނަކުން މުވައްޒަފުން ވަކި ނުކުރުމަކީ ވެރިކަމަށް އަންނަން މި ސަރުކާރުން ވީ އެއް ވައުދެވެ.