ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއް ނުވެ ފަލަސްތީނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަމީރު މިހެން ވިދާޅުވީ ފަލަސްތީނުގެ ބިންތައް ހިފާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލް އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.
މިނިސްޓަރު ޒަމީރު ދެއްވި ތަގުރީރުގައި ވިދާޅުވީ ވަކި ޤައުމެއް ނުވަތަ ޤައުމުތަކެއް އިސްތިސްނާ ނުވާނެހެން ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކުރުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާއެއް ކަމަށެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓާލައި، ފަލަސްތީނު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަސާސްތައް އެ ރައްޔިތުންނަށް ފޯރާކަން ކަށަވަރުކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.
އަދި، ރާއްޖެއިން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ދެގޮތެއްނުވެ ފަލަސްތީނާއެކު ތިބޭނެކަމުގެ ޔަޤީންކަން ވެސް އެރުވި އެވެ.
މީގެއިތުރުން މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ޙައްލަކީ 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެ ޤައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، ފަލަސްތީން އިސްރާއީލުގެ އަތްދަށުން މިނިވަންކޮށް، އެއީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ޤައުމަކަށް ހެދުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން، ޒަމީރު ވަނީ ހަމާސްގެ ޗީފް އޮފް ޕޮލިޓިކަލް ބިއުރޯ، އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފައިވާތީ، އެކަން ވެސް ކުށްވެރިކުރައްވާފަ އެވެ.