ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ މިހާރު ބިދޭސީއަކާ ޑޭޓްކުރަމުން އަންނަ ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ދާދި ފަހުން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރާއި އަނަންޔާ ގުޅުން ނިމުމަކަށް އައިސްފައިވާ އިރު، 25 އަހަރުގެ ބަތަލާ މިހާރު ރައްޓެހިވެން އުޅެނީ އިންޑިއާގައި ދިރިއުޅެމުން އަންނަ އެމެރިކާގެ ޒުވާނެއް ކަމަށްވާ ވޯކާ ބްލާންކޯއާ ކަމަށެވެ.
އޭނަ އަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އާއިލާގެ ފަރާތުން ޖަމްނާގަރުގައި ހިންގަމުން އަންނަ ވަންޓާރާ ޒުލުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ޝިކާގޯ އަށް ނިސްބަތްވާ ބްލާންކޯ އަކީ ކުރިން މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަނަންޔާ އާއި ބްލާންކޯ އެންމެ ފުރަތަމަ ބައްދަލުވީ މިދިޔަ މަހު ކައިވެނިކުރި އަމްބާނީގެ ހަގު ދަރިފުޅު، އާނަންދު އަމްބާނީ އާއި ބައިވެރިވާ ރާދިކާ މާޗަންޓްގެ ޕްރީ ވެޑިން އުފާފާޅު ކުރުންތަކުގެ ތެރެއިން އިޓަލީ އަށް ބޭއްވި ކްރޫޒް ދަތުރުގެ ތެރޭގަ އެވެ.
އޭގެ ފަހުން ދެ މީހުންގެ ގުޅުން އިތުރަށް ބަދަހިވެ، އަމްބާނީ އާއިލާގެ "ބޮޑު ކައިވެނީ" ގެ އެކިއެކި ހަރަކާތްތަކުގައި އަނަންޔާ އާއި ބްލާންކޯ އެކީގައި ބައިވެރިވެފައިވެ އެވެ. އެގޮތުން އެ ދެ މީހުން އެކީގައި ހަފުލާއެއްގެ ތެރެއިން ފެންނަ ފޮޓޯތަކެއް ވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
ނަމަވެސް އަނަންޔާ ބިދޭސީއަކާ ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނަ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ކުރިން، ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ޚައްތަރާ ވެސް ރައްޓެހިވި އެވެ. އެ ދެ މީހުން އެކީގައި "ކާލީ ޕީލީ" ކިޔާ ފިލްމެއް ވެސް ކުޅެފައިވެ އެވެ. އަނަންޔާ އާއި އަދިތިޔާ ވަކިވީ ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އެ ގުޅުން ނިމުމަކަށް އައިސް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ.