އެމެރިކާއާ އެކީ ރާއްޖެ އިން ހަކަތައާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ އެއްބަސްވުން ހެދީ ޔޫއެސްއެއިޑާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާ ދެމެދު އެވެ. މި އެއްބަސްވުމުގެ ދަށުން ފަށާ "ސައުތު އޭޝިއާ ރީޖަނަލް އެނަޖީ ޕާޓްނަޝިޕް (ސާރެޕް) މަޝްރޫޢުގެ ތެރެއިން ރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެ އެވެ.
އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
މިނިސްޓަރު ވިދާޅުވީ ހަކަތަ ރައްކާތެރިކަން އިތުރުކޮށް، ހަކަތައިގެ ކުރިއަރާފައިވާ ހައްލުތައް ހޯދުމަށް ރާއްޖެއިން ވަރަށް ބޮޑަށް މަސައްކަތްކުރާ ޔޫއެސްއެއިޑްގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ހަކަތައާ ގުޅޭ ތަފާތު ގޮންޖެހުންތައް ހައްލުކުރުމުގައި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޔޫއެސްއޭއިޑްގެ ބިއުރޯ ފޯ އޭޝިއާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރު މައިކަލް ޝިފާ ވިދާޅުވި ގޮތުގައި ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ސަރަހައްދީ އެއްބާރުލުން ވަރަށް މުހިންމެވެ.
މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މަގުފަހިކުރެވޭނެ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރެޕްގެ އަމާޒަކީ އަގުހެޔޮ، އިތުބާރު ހުރި، އަދި ދެމެހެއްޓެނިވި ހަކަތަ ލިބުން ރަނގަޅުކުރުމުގައި އިސްކަންދޭ ކަންކަމާއި އަމާޒުތަކަށް އެހީތެރިވުމާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެންމެ ރަނގަޅު އުސޫލުތަކާއި ލިބިފައިވާ ފިލާވަޅުތައް ހިއްސާކުރުމެވެ.
ސަރެޕްގެ އިންޓަވެންޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރީޖަނަލް އެނާޖީ މާކެޓް އިންޓަގްރޭޝަން، އެޑްވާންސްޑް އެނާޖީ ސޮލިއުޝަންސް އެންޑް ސިސްޓަމްސް، ޔުޓިލިޓީ މޮޑަނައިޒޭޝަން، އިންވެސްޓްމަންޓް މޮބިލައިޒޭޝަން، އަދި ބެސްޓް ވެލިއު ޕްރޮކިއުމަންޓަށެވެ.