ކުރިން ވެސް ދެ މިސް ވޯލްޑަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ އިންޑިއާގެ އެކްޓަރު ރާޖްކުމާރު ރާއޯ އަށް އަނެއްކާ ވެސް އެފަދަ ޕްރޮޖެކްޓެއް ލިބިއްޖެ އެވެ.
ޕިންކްވިލާ އިން ބުނީ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ހުނަރުވެރި އެކްޓަރަށް މި ފަހަރު ފުރުސަތު ލިބުނީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ކަމަށެވެ.
ނަން އަދި އިއުލާން ނުކުރާ އެކަމަކު އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް މި ގޭންގްސްޓާ ޑްރާމާ އަކީ ޖޭ ޝެވަކްރަމާނީ ޕްރޮޑިއުސްކޮށް، ޕުލްކިތު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. ޕުލްކިތަކީ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން މި އަހަރުގެ ފެބްރުއަރީގެ ތެރޭގައި ނެޓްފްލިކްސް އަށް ގެނައި، ބަތަލާ ބޫމީ ޕިޑްނޭކަރްގެ ކްރައިމް ތުރިލާ "ބަކްޝަކް" ގެ ޑައިރެކްޓަރެވެ.
އޭނަގެ އާ ފިލްމު ރާޖާއި މަނޫޝީއާ އެކީ ހަދަން ތައްޔާރުވަމުން އަންނަ އިރު، މަނޫޝީ އެކްޓިން އަށް ނުކުތީ އަކްޝޭ ކުމާރުގެ 2022 ގެ "ޕްރިތުވީ ސަމްރާޓް" އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ރިލީޒްކުރި އަކްޝޭގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.
ރާޖަށް ކުރިން އެކީގައި މަސައްކަތް ކުރަން ލިބުނި މިސް ވޯލްޑުންނަކި އައިޝްވާރިއާ ރާއީ އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ. އައިޝްވާރިއާއާ އެކީ އޭނަ ކުޅުނު ފިލްމަކީ 2018 "ފަނޭ ޚާން" އެވެ. އަދި ޕްރިޔަންކާއާ އެކީ ކުޅުނު ފިލްމަކީ 2021 ގެ "ދަ ވައިޓް ޓައިގާ" އެވެ.
ރާޖްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 15 ގައި ގެނެސްދޭން ހަމަޖެހިފައިވާ "އިސްތިރީ 2" އެވެ. މިއީ މި އަހަރު ރިލީޒްވާ އޭނަގެ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ "ސްރީކާންތު" އާއި "މިސްޓަ އެންޑް މިސިޒް މާހީ" އެވެ. މި އަހަރުގެ އޮކްޓޯބަރުގައި ރާޖްގެ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ވެސް ރިލީޒްކުރާނެ އެވެ. އޭގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ.