Last Updated: January 11, 23:04
Saturday, January 11, 2025
ޚަބަރު

ޑްރަގްސް އެތެރެވުން ހުއްޓުވަން މަޝްވަރާކޮށްފި

ފޮޓޯ: ފުލުހުން

ރާއްޖެއަށް ޑްރަގްސް އެތެރެވުން ހުއްޓުވުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ މަޝްވަރާ ކުރައްވައިފިއެވެ.

ފުލުހުން ބުނެފައިވަނީ ސީޕީ ޝުޖާއު ކަސްޓަމްސްގެ ކޮމިޝަނަރާ ބައްދަލުކުރެއްވީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި، މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ގާއިމުކުރުން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނު ކަމަށް ބުނެފައިވެއެވެ.

މި މަޝްވަރާގައި މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ވާހަކަ ދެކެވުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ބައްދަލުވުމަކީ ދެ މުއައްސަސާގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.