އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަަތަލާ ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ އެކްޓަރު ނާގަ ޗައިތަނިއާ މިއަދު އެންގޭޖްވެއްޖެ އެވެެ.
އުމުރުން މިހާރު 37 އަހަރުގެ އެކްޓަރު އެންގޭޖްވީ ބަތަލާ ޝޮބީތާ ދުލިޕާލާ، 32، އާ އެވެ. ދެ ފަރާތުގެ އާއިލާ އިން ބައިވެރިވި އެންގޭޖްމަންޓް ހަފުލާ އޮތީ މިއަދު ހެނދުނު ހައިދަރުއާބާދުގަ އެވެ. އެ ހަފުލާގެ ފޮޓޯތަކެއް ނާގަ އާއި ޝޮބީތާގެ އިތުރުން ނާގަގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ ފޭސްބުކްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
ނާގުރްޖުނާގެ ޕޯސްޓްގައި ދަރިފުޅު އެންގޭޖްވުމަލީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އާއިލާ އިން ޝޮބީތާ މަރުހަބާ ކިޔާ ކަމަށް ބުނެފައިވެ އެވެ.
ނާގަ އާއި ސަމަންތާ 2017 ގައި ކުރި ކައިވެނި ރޫޅައިލީ 2021 ގަ އެވެ. އަދި އޭގެ ފަހުން ނާގަ ދިޔައީ ޝޮބީތާއާ ޑޭޓްކުރަމުންނެވެ. ސަމަންތާ އަންނަ ނޮވެމްބަރު މަހުގެ 7 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ އެކްޓަރު ވަރޫން ދަވަންގެ ފުރަތަމަ އަލަތު ވެބް ސީރީޒް "ސިޓަޑެލް: ހަނީ ބަނީ' ގެ ބަތަލާ އެވެ.
އާންމުކޮށް ތެލެގޫ ފިލްމުތައް ކުޅޭ ނާގަ އަކީ އާމިރު ޚާންގެ 2022 ގެ "ލާލް ސިންގް ޗައްޑާ" ގެ ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނަގެ އާ ބައިވެރިޔާ ޝޮބީތާ އަކީ ބޮލީވުޑްގެ އިތުރުން ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުން އަންނަ ބަތަލާއެކެވެ.
ނާގަ އާއި ޝޮބީތާ އެންގޭޖްވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔަމުންނެވެ.