އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މެދު ޕްރޮގްރެސިވް ކޯލިޝަނުން ފަހުރުވެރިވާ ކަމަށް ޕީއެންސީން ބުނެފި އެވެ.
ޝަހީމްއާ ގުޅޭގޮތުން އަސްލެއް ނެތް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އެކަން ކުށްވެރިކޮށް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައި ވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ހިދުމަތުގެ އަގު ވަޒަން ކުރަމުން ގެންދާ ހުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ކޯލިޝަނުން ފަހުރުވެރިވާ ކަމަށާއި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި އެންމެހާ ކަންކަން ކުރެއްވުމުގައި ޝަހީމް ކާމިޔާބު ހޯއްދަވަމުން ގެންދަވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޝަހީމަށް ފުރަައްސާރަކޮށް، ހަގީގަތާ ހިލާފު ދޮގު އިލްޒާމުތައް އެޅުވުމަކުން އޭނާ ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ޝަހީމަކީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށް ވެސް ބުނެފައިވެ އެވެ.