އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހުންގެ އޯޑިއޯތައް ވަރަށް އަވަހަށް ނިކުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހައިކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު ނުފޫޒު ފޯރުވި މީހުންނާއި ހައިކޯޓުގައި މައްސަލަ ލަސްކުރުވި މީހުންނާއި ހައިކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުން ފަދަ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށެވެ.
މި ފަރާތްތަކުގެ ނަންތައް ހާމަކޮށް މި ވާހަކަ ދެއްކެން އަދި ނެތީ އެމަނިކުފާނުގެ ޝަރީއަތްތައް އަދިވެސް ހިނގަމުންދާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. ދައްކާނެ ވާހަކަ ނެތީ ނޫން ކަމަށާއި ނަމަވެސް މީހުންގެ ފަތިފުށް ހާމަކޮށް ވާހަކަ ދެއްކުމަކީ ތޮބިއްޔަތާއި ގުޅޭ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެކަމަކު އިރާދަކުރެވިއްޔާ މާ ލަސްތަކެއް ނުވެ އެބަ ނިކުމޭ ކޮންމެވެސް ކަހަލަ އަޑުތަކެއް، އަޅުގަނޑުގެ މައްސަލާގައި ނުފޫޒު ފޯރުވި މީހުންނާއި ގުޅި މީހުންނާއި، އެމީހުންގެ އޯޑިއޯ ބައިޓާއެކީ. މިއީ މީގެ އުފަލަކީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ދާދިފަހުން ބޭއްވި ޖަލްސާއެއްގައި ޔާމީނަށް އަދިވެސް އިހުލާސްތެރިވާނީ ޕީއެންސީގެ އިސް ސަފުގައި ތިބި ބޭފުޅުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަށް ވެސް ޔާމީން ރޭ ރައްދު ދެއްވި އެވެ.
އެގޮތުން ޔާމީން ވިދާޅުވީ ޕީއެންސީގެ އިސް ސަފުގައި ތިބީ އިހުލާސްތެރިން ނޫން ކަމަށާއި އެ ފަރާތްތަކުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބަށް ވަކި މީހަކު ނެރެން ކަމަށެވެ.
"އެތަނުގައި އެ ތިބި މީހުންނަކީ އިހުލާސްތެރި މީހުންނެއް ނޫން. އެތަނުގައި އެތިބި މީހުންނަކީ ސިޔާސީ ވަކި މަސައްކަތެއްގައި އަޅުގަނޑާއެކު އުޅުނު މީހުން. އިހުލާސްތެރި މީހުންނެއް ނޫން އެއީކީއެއް،" ޔާމީން ވިދާޅުވި އެވެ.