ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނެރެން ޖެހޭ ކަމަށާއި އެ ދާއިރާގެ ކުރިމަގު ވެސް ގުޅިފައި އޮތީ އެކަމާ ފިޝަރީޒް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޙުސެއިން ފުއާދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި އޭނަ ވިދާޅުވީ މިހާރު އެކުލަވައިލަމުން އަންނަ މަސްވެރިންގެ ދަފުތަރަކީ ވެސް ދާއިރާ އަށް ޒުވާނުން ނެރެން ކުރަން ޖެހޭ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންވެ ހުރިހާ މަސްވެރިން ދަފުތަރުގައި ރަޖިސްޓްރީވުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ މިހާރު އަޑުއިވެނީ ޒުވާނުން މަސްވެރި ސިނާޢަތާ ދުރަށް ގޮސް އެހެން ވަޒީފާތަކަށް ބަދަލުވާ ވާހަކަ ކަމަށާއި، އެކަމަށް ހައްލު ހޯދުމަށް އެންމެ ފުރަތަމަ ކަމަކަށް މަސްވެރިންގެ ދަފުތަރެއް އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އޭނަ ވިދާޅުވީ ޒުވާނުން މަސްވެރި ސިނާޢަތް ދޫކޮށް ދަނީ ކީއްވެގެންތޯ ބަލާ އިރު، ލޯނު ހޯދުމުގެ ފުރުސަތު މަސްވެރިންނަށް ނުލިބުމާއި ރާއްޖޭގައި ލިބޭ ކްރެޑިޓް ފެސިލިޓީތައް މަސްވެރިންނަށް ލިބުމަށ ހުރި ހުރަސްތައް ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އެހެންވެ މަސްވެރިން އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިދާރާތަކުން ލިބެން ހުންނަ ފުރުސަތުތައް ހޯދުމަށް މަސްވެރިންގެ ދަފުތަރަކީ ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
"މަސްވެރިންގެ ދަފްތަރު ވެގެންދާނީ އެކި އިދާރާތަކަށް މަސްވެރިން އެނގޭނެ އެއްޗަކަށް،" އޭނަ ވިދާޅުވި އެވެ. "ޒުވާނުން މި ދާއިރާ އަށް ނެރުމަށް މަސްވެރިންގެ ދަފުތަރެއް އޮތުމަކީ ވަރަށް މުހިންމު ކަމަކަށް ވެގެން ދާނެ."
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދަފުތަރު އެކުލަވައިލަމުން އަންނަ ރާއްޖޭގެ ހުރިހާ މަސްވެރިންގެ އެއްބާރުލުން މި ކަމަށް ބޭނުންވާ ކަމަށެވެ.
މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ދާއިރާ އަށް ތައުލީމީ މީހުން ބިނާކުރަން ގައުމީ ޔުނިވަސިޓީއާ ގުޅިގެން ފިޝަރީޒް ކޮލެޖެއް އުފައްދައި، މަސްވެރިކަމާ ގުޅޭ ތަފާތު ކޯސްތައް ހިންގަން ވެސް ވަނީީ ނިންމައިފަ އެވެ.