ދެ ބޭންކަކާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ފައިނޭންސިން ޕްރޮޑަކްޓްތަކެއް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިކަން ކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ގިނަ ޒުވާނުން ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރަން ފެށުން ކަމަށެވެ. އެގޮތުން ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭން ފެސިލިޓީތަކާ އެކީ ދާއިރާ އަށް ނުކުންނަ ޒުވާނުން ގިނަވާން ފަށާނެކަމުގެ އުންމީދު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރަނގަޅު އިންޓްރެސްޓް ރޭޓުތަކެއްގައި ގެސްޓް ހައުސްތަކާއި ހޮޓެލްތައް އެޅުމަށް އެކަށޭނެ އަދަދަކަށް ލޯނުތަކެއް ތައާރަފު ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ދެ ބޭންކާ ގުޅިގެން މި އަހަރުގެ ތެރޭގައި އެ ފެސިލިޓީތައް ތައާރަފު ކުރެވޭނެ ކަމަށެވެ. އަދި ލޯނުތަކާ އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގެސްޓްހައުސް އާއި ރިސޯޓުތައް އިތުރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެކެން ބޭނުންވަނީ އައްޑޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިރެކްޓު ފްލައިޓު ޖައްސައި، އެ ތާނގައި ހުންނަ އެނދުތައް ފުރޭނެ ގޮތަކަށް ދިވެހި ރާއްޖޭގެ ޓޫރިޒަމް ބައްޓަން ވެގެން ދިއުން." މިނިސްޓަރު ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހާއްސަ ޓޫރިޒަމް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.