Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ޔާމީންގެ ސިޔާސީ ގުއިރޯނުގައި ބައްޕަ ދެން ނުޖެހޭނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ގުއިރޯނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެން ޖެހިވަޑައިނުގަންނަވާނެ ކަމަށް އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕަ ޔާމީނަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ އަޅު މަސައްކަތް، ވަރުބަލިކަމެއް ފޫހިކަމެއް ނެތި ކޮށްދިންކަން ދިވެހި ޤައުމު ހެކިވާނެ ކަމަށާއި އޭރު ބައްޕަގެ ތައުލީމެއް ޔާމީނަށް މުހިއްމު ނުވި ކަމަށެވެ.

އަދި 2018 ވަނަ އަހަރު ވަނަ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމްގެ އޮޑި ފަރަށް އެރީ އަބްދުއްރަހީމް ހިމެނިވަޑައިގަންނަވާހެން ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަބަޔަކު ދުރަށް ޖެއްސުމުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެއީ ޔާމީންގެ އަނބިކަނބަލުން ލައްވާ ޕީޕީއެމް ހިންގުވައި މުލިއާގޭގައި "ސިހުރުތަށި" ދުއްވަން އުޅުމުގެ ނަތީޖާ ކަމަށާއި ހަގީގަތުގައި އެ އިންތިހާބުގައި ޔާމީންގެ އަތުގައި މަދީ އަލާއުއްދީނުގެ ވޮއްގަނޑާއި އުދުހޭ މުސައްލަ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ 2019 ގައި ޔާމީން ގަސްތުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުން ފެއިލްކޮށްލީ ދުރާލާރާވައިގެން އެމީހުން އަޅުވެތި ކަމުގައި ބޭތިއްބުމުގެ ކެހިވެރި ނިޔަތުގައި ކަމަށާއި އެހާލަތުގައި ޔާމީން ދޫކޮށް ޕާޓީގެ އިސް ގިނަ ބަޔަކު ނައްޓާލިއިރު، ހުރިހާ ތަކުލީފެއް އުފުލަން ކެތްތެރިކަމާ އެކު ހުރީ އޭނާގެ ބައްޕަ ކަމަށްވެސް ވިދާޅުވެފަ އެވެ.

"ވޮޑަމުލާ މައްސަލައިގައި މަނިކުފާނަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ އަޅުގަނޑުގެ ބައްޕަ އެވެ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސް ފަހުން މަނިކުފާނު އެނބުރި އައިއިރު، ޕާޓީގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ އަވަށްޓެރީންނާއި ދުރު ތިބީންގެ ދޮޅި ދަށަށް އަތްލައި މަނިކުފާނުގެ ހައްޤުގައި އަވަދިވަމުން ދިޔައީ އަޅުގަނޑުގެ ބައްޕަކަން މި ދިވެހި ޤައުމު ހެކިވާނެ އެވެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެވޭ ގޮތް ހެދީ އެމްޑީޕީން ކަމަށާއި އެމްޑީޕީން އެކަން ކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ފުރަތަމަ ހަމަޖެއްސި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ޔާމީންގެ ވެރިކަމުގައި ބާތިލްކުރުމުން އޭގެ ބަދަލު ހިފުމަށް ކަމަށެވެ. އެކަން އެހެން ވާނެކަން އެނގި ހުރެ، އިދިކޮޅު އެންމެ ބޮޑު ކޯލިޝަނުން ކެންޑިޑޭޓަކު ނުނެރި މުޅި ގައުމު އެމްޑީޕީ އަތަށް ދެވަނަ ދައުރަކަށް ދޭން ޔާމީން ނިންމީ އެމަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ، އިންތިހާބު ބޮއިކޮޓް ކުރުމުގެ ކެހިވެރި ނިޔަތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ތިމާއަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބުމަށް ނޭދޭތީ މުޅި އިދިކޮޅު ނުހަނު ނިކަމެތިކަމާ އެކު، އިތުރު ފަސް އަހަރު މަގުމަތީގައި ބޭއްވުމަށް ޔާމީން ނިންމެވި ހިސާބުން އެމަނިކުފާނުގެ ލީޑަޝިޕް ފެއިލްވިކަން ހިސާބު ޖައްސަވަން ނޭނގުމަކީ ހަގީގަތެއް ކަމަށާއި ޕީޕީއެމްއަކީ ޔާމީނުގެ ތަރިކަ މުދަލެއް ކަމަށް ހިތައި ޕާޓީއަށް ލިބުނު ފައިސާގެ އެކި މިންވަރުގެ އެހީން ބޮޑު ބައެއް 2013 ވަނަ އަހަރުން ފެށިގެން އަމިއްލަފުޅު އެކައުންޓުތަކަށް ލައްވަމުން ދިޔައީ ޕީޕީއެމްގެ އާންމު މެމްބަރުންނަކީ މޮޔައިން ކަމަށް ދެކޭތީތޯ އެ ޕޯސްޓުގައި ފައިސަލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑުގެ ބައްޕަ އަދި މިއަދުގެ ގައުމުގެ ރައީސް ޑރ. މުއިއްޒުގެ ހިތްވަރާއި ކެރުން ނެތް ނަމަ، އަދިވެސް އަޅުގަނޑުމެން ތިބެން ޖެހޭނީ މަގުމަތީގަ އެވެ. މި ގައުމު އޮންނާނީ އޮޔާގޮސް ލޯމަތިން ގެއްލިފަ އެވެ." ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި، މަލީހު ޖަމާލާއި ހުސެއިން ވަހީދު އަދި އަހުމަދު ފަޔާޒު (ޕާޕާ) ގޮވައިގެން އިންނަވާ އެއީ ތެދުވެރިން ކަމަށް ވިދާޅުވަމުންދާއިރު، އެއިން ކޮންމެ މީހަކީ މަނިކުފާނު މި ދުނިޔެއިން ނައްތާލަން އުޅުނު މީހުން ކަމަށް ކުރިން ވިދާޅުވީ ޔާމީނު ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ ބައްޕައަކީ ނުކިޔަވާ ތިބި މީހުން ކަމަށްވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މި ގައުމަށް ކޮށްދިން ހިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ އޭނާ ވެސް އަދި އޭނާގެ ބައްޕަވެސް ޔާމީންގެ ސިޔާސީ ގުއިރޯނުގައި ދެން ނުޖެހޭނެ ކަމަށާއި އަދި ޔާމީނަށް ދެން މި ޤައުމުގެ ޚަޒާނާއަށް އަތްބޭނުމަށް ޖާގައެއްވެސް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.