Last Updated: November 24, 16:56
Sunday, November 24, 2024
ޚަބަރު

ބެލެނިވެރިންގެ އަތުން ފައިސާ ނަގާތީ ކަންްބޮޑުވުން!

ސްކޫލުތަކުގެ ނަމުގައި އެކިއެކި މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރުން ހުއްޓާލުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ ބެލެނިވެރިން އަތުން ފައިސާ ނެގުމަކީ މިނިސްޓްރީން ތަރުހީބު ދޭ ކަމެއް ނޫން ކަމަށެވެ.

"[އެހެންވެ] ސްކޫލްތަކުގެ ނަމުގައި އެކިއެކި މީސްމީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރާކުރުން ހުއްޓާލުމަށް ގޮވާލަން،" އަދީލް ވިދާޅުވި އެވެ. "އަދި ސްކޫލްތަކުން ކުރިޔަށް ގެންދާ އެކިއެކި ހަރަކާތްތަކަށް އެހީ ދިނުމަށް ބޭނުންވާ މުޖުތަމައުގެ ތެރޭގައި ތިބި ތަނަވަސް ފަރާތްތަކުން ސްކޫލްގެ ފަންޑު އެކައުންޓަށް ފައިސާޖަމާ ކުރުމަށް އިލްތިމާސް ކުރަން."

އޭނަ މި ގޮތަށް ގޮލާވެއްވީ ސްކޫލްތައް އޭސީ ކުރަން ފަށާފައިވާ ޕްރޮޖެކްޓާ ގުޅިގެން، ބެލެނިވެރިންގެ އަތުން ފައިސާ ނަގައިގެން ބައެެއް ސްކޫލްތަކުން އެކަން ކުރަމުން އަންނަ ކަމަށް ބުނެ ބައެއް ފރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ.

ކުރިން ސްކޫލްތަކުގެ ޕްރިންސިޕަލްކަން ވެސް ކުރެއްވި އަދީލް ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ ޕްރޮޖެކްޓަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ނިންމި ޕްރޮޖެކްޓެއް ކަމަށާއި އެކަން އަވަސް އަރުވާލައިގެން ކުރުމުން ލަފާ ނުކުރެވޭ އެތައް ގެއްލުންތަކެއް ސްކޫލްތަކަށް ކުރިމަތިވާނެ ކަމަށެވެ.

ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަޝްރޫއު އަކީ އިފުތިތާހު ކުރީ ޖޫން 2 ގަ އެވެ.