Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ގަދަ 3 އަށް މި އަހަރު އިންޑިއާ އެރުވޭނެ

ރާއްޖެ އަށް މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ ހިމަނަން އަމާޒު ހިފާފައިވާ ކަމަށާއި އެކަން ވާނެކަމުގެ އުންމީދު ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރަން "ވެލްކަމް އިންޑިއާ" ގެ ނަމުގައި އެ ގައުމުގެ ބޮޑު ތިން ސިޓީއެއްގައ ރޯޑްޝޯތަކެއް ބާއްވާފައިވާ އިރު މިނިސްޓަރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ރޯޑްޝޯގެ ސަބަބުން އިންޑިއާގެ އިންޑިއާގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަރަށް ބޮޑު ސަމާލުކަމެއް ވެސް ލިބުނު ކަމަށެވެ.

އެހެންވެ އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަމާޒަކީ މި އަހަރު ނިމެންވާ އިރަށް އިންޑިއާ މާކެޓު ތިން ވަނަ އަށް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު އިރާދަކުރެވިއްޔާ ޓޮޕް ތްރީއަށް އަޅުގަނޑުމެންނަށް އިންޑިއާ ގެންދެވޭނެ. އަދި މި ހަފުތާ ފެނިގެން ދާނެ އިންޑިއާ އާއި ރާއްޖެ ގުޅުން ވެސް އިތުރަށް ރަނގަޅުވެގެންދާ ތަން،" ފައިސަލް ވިދާޅުވި އެވެ. "މި ކުރެވޭ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ނުވާނެ ކަމެއް ނޫން އެއީ އިންޑިއާ ތިނަކަށް ގެންދިއުން."

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށްޓަކައި އެ ގައުމުގެ އިތުރު ސިޓީތަކުން ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމާއި މިހާރު ކުރާ ދަތުރުތައް އިތުރުކުރުމަށް ވެސް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ.

އެގޮތުން ސޯޝަލް މީޑިއާގައި މަޝްހޫރު އިންޑިއާގެ އެކި އިންފްލުއެންސަރުން ރާއްޖެ ޕްރޮމޯޓް ކުރަން އެމްބެސެޑަރުން ގޮތުގައި ހަމަޖެއްސުމާއި އިންޑިއާގެ ފިލްމް އިންޑަސްޓްރީގެ ބައެއް މަސައްކަތްތަކުގެ ތެރޭ ރާއްޖޭގެ ރީތިކަން ދައްކާލެވޭނެ ގޮތްތައް ހޯދުމަށް ވެސް ރާވާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. އެ ގައުމު މިހާރު އެންމެ ގިނަ ޓޫރިސްޓުންނަށް 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. އެގޮތުން މި މަހުގެ 4 އާ ހަމައަށް އިންޑިއާ އިން ރާއްޖެ އައިސްފައި ވަނީ 72،883 ޓޫރިސްޓުންނެވެ.

އެ ގައުމުން އަންނަ ޓޫރިސްޓުން މި އަހަރު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައާ ގުޅިގެންނެވެ. އޭގެ ފަހުން ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި އިންޑިއާގެ މީހުން ސޯޝަލް މީޑިއާގައި ކެމްޕޭންތަކެއް ވެސް ހިންގާފައިވެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިލާތެވެ. އެއިން ކޮންމެ ގައުމަކުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި މަހުގެ 4 އާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.2 މިލިއަނަށް ވުރެ ގިނަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު މަދުވެގެން 2 މިލިއަން ޓޫރިސްޓުން ގެނައުމެވެ.