އެމްޑީޕީން ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދަން ކަމަށާއި އުސޫލުގައި ނުހިފެހެއްޓޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން މީގެކުރިން އިންޑިއާއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކުގެ ހަނދާން އެމްޑީޕީގެ އިސް ބޭފުޅުން އާކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ވާހަކަތަކުގެ ހަނދާންތައް އެމްޑީޕީގެ އިސް ބޭފުޅުން އާކުރަން ފަށާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށެވެ.
މިކަމާ ގުޅިގެން ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަދަހި އިންޑިއާ-ރާއްޖޭގެ ގުޅުމަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ނުކިޔާ، ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރާނަަމަ އެކަމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ނޭދޭކަން ކަަމަށެވެ.
"ބޭނުން ވަނީ ސިޔާސީ ޕޮއިންޓު ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،" ނަޝީދު ވިދާޅުވި އެވެ.
Badhahi India-Raajje ge gulhumah edhey faraiythakun sarukaaruge siyasathah genaibadhalah marhaba nukiya,kurin kanvefai oiy goiy faahagakoh sarukaarah malaamaiy kuranama ekamun dheyhavanee India-Raajje gulhumah neydheykan.Beynun vanee siyaasee point hoadhun.Usoolgai nuhifeheteykan https://t.co/FG3X8SYI3z
— Mohamed Nasheed (@MohamedNasheed) August 10, 2024
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.
ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން ދާދިފަހުން އިންޑިއާ އިން ފަސްކޮށްދީފައިވާއިރު، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވެސް ވަޑައިގެންނެވި އެވެ.