(ޖުލައި 27 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ވަޙީގެ ބާވަތްތައް
އާދަމުގެ ދަރިއަކަށް ﷲ ތަޢާލާ ވަޙީ ބާއްވައިލައްވާ ގޮތްތައް ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ۚ إِنَّهُ عَلِيٌّ حَكِيمٌ﴾ سورة الشورى 51
މާނައީ: "ވަޙީއަކުން (އެބަހީ: އިލްހާމަކުން، ނުވަތަ ހުވަފެނަކުން) ނުވަތަ ފަރުދާއެއްގެ އަނެއްފަރާތުން، ނުވަތަ މަލާއިކަތަކު ފޮނުއްވައި، އެކަލާނގެ އިޒްނަފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީ ކުރެއްވުމުން މެނުވީ، އެއްވެސް އާދަމުގެ ދަރިޔަކަށް اللَّه ބަސް ވަޙީކުރެއްވުމެއް ނުވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މަތިވެރިވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."
އިސްވެދިޔަ އާޔަތުގައި ބަޔާންވެގެންއެވަނީ ވަޙީގެ ވައްތަރުތަކެވެ. އެއީ އިލްހާމުގެ ވަޙީއާއި ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނު މެދުވެރިވެގެން ބާއްވައިލެއްވޭ ވަޙީއާއި، އެއްވެސް މެދުވެރިއަކު ނެތި ފަރުދާއެއްގެ ފުރަގަހުން ﷲ ތަޢާލާ އިއްވަވާ ވަޙީއެވެ.
ވަޙީގެ ވައްތަރުތަކުގެ ތަކުގެ ތެރެއިން އެއްބާވަތަކީ އިލްހާމުގެ ވަޙީއެވެ. އިލްހާމުގެ މުރާދަކީ ކަމެއް ވަކި ގޮތަކަށް ކުރުމަށް އިންސާނެއް ނުވަތަ އެހެން މަޚްލޫޤެއްގެ ހިތަށް ﷲ ތަޢާލާ ބާރުއެޅުއްވުމެވެ. އިލްހާމުގެ ވަޙީއަކީ ރަސޫލުންނާއި ނަބިއްޔުންނަށް އެކަނި ޚާއްސަ ވަޙީއެއް ނޫނެވެ. ރަސޫލުންނާއި ނަބިއްޔުންގެ އިތުރަށް ޢާންމު އިންސާނުންނާއި، އެހެން މަޚްލޫޤް ތަކުންނަށްވެސް އިލްހާމުގެ ވަޙީ ލިބިގެން ހިނގައިދާނެއެވެ.
އިލްހާމުގެ ވަޙީގެ ބައެއް މިޘާލުތައް:
﴿وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ﴾ سورة النحل: ٦٨
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ!"
﴿وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ﴾ سورة القصص: 7
މާނައީ: "އަދި ތިމަންރަސްކަލާނގެ މޫސާގެފާނުގެ މަންމައަށް އިލްހާމު ކުރެއްވީމެވެ."
﴿وَإِذْ أَوْحَيْتُ إِلَى الْحَوَارِيِّينَ أَنْ آمِنُوا بِي وَبِرَسُولِي قَالُوا آمَنَّا وَاشْهَدْ بِأَنَّنَا مُسْلِمُونَ﴾ سورة المائدة: ١١١
މާނައީ: "އަދި ތިމަންރަސްކަލާނގެއަށާއި، ތިމަންރަސްކަލާނގެ ރަސޫލާއަށް އީމާންވުމަށް ޙަވާރީންނަށް، ތިމަންރަސްކަލާނގެ (އިލްހާމަކުން) އެންގެވި ހިނދު ހަނދުމަކުރާށެވެ! ދެން ޙަވާރީން ދެންނެވޫއެވެ. ތިމަންމެން އީމާން ވެއްޖައީމުއެވެ. އަދި ތިމަންމެންނީ ބޯލަނބައި، ކިޔަމަންވެގެންތިބި ބަޔަކުކަމަށް އިބަރަސްކަލާނގެ ހެކިވެވޮޑިގެންފާނދޭވެ! (ނޯޓު: ޙަވާރީންނަކީ، ޢީސާގެފާނަށް ތަބާވެގެން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވި އެންމެ އިޚްލާޞްތެރި އެކުވެރިންނެވެ.)"
ވަޙީގެ އަނެއް ބާވަތަކީ މެދުވެރިއަކުނެތި ފަރުދާއެއްގެ ފުރަގަހުން ﷲ ތަޢާލާ ވަޙީ ބާއްވައިލެއްވުމުވެ. މީގެ މިޘާލަކީ މޫސާގެފާނަށް ﷲ ތަޢާލާ ބަސް ވަޙީކުރެއްވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَكَلَّمَ اللَّهُ مُوسَىٰ تَكْلِيمًا﴾ سورة النساء: ١٦٤
މާނައީ: "މެދުވެރިއެއްނެތި މޫސާގެފާނަށް اللَّه ބަސް ވަޙީ ކުރެއްވިއެވެ."
ވަޙީގެ އަނެއް ބާވަތަކީ ހުވަފެންފުޅަކުން ރަސޫލަކަށް ވަޙީ ބާއްވައިލެއްވުމެވެ. ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ:
"ރަސޫލުﷲ ﷺ އަށް ވަޙީގެ ފެށުން އައީ ނިދީގައި ފެނިވަޑައިގަންނަވާ ތެދު ހުވަފެނުންނެވެ. އެކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކޮންމެ ހުވަފެނެއްވެސް ހަގީގަތާ އެއްގޮތަށް ފަތިސްގެ އަލިކަމެކޭ އެއްފަދައިން ސާފުކޮށް ފެނިވަޑައިގަންނަވައެވެ." [صحيح البخاري | الرقم : 4956]
ވަޙީގެ އަނެއް ބާވަތަކީ ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީން ރަސޫލާ ﷺ ގެ ހިތްޕުޅަށް ފުމެލައްވައިގެން ވަޙީ ބާއްވައިލެއްވުމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ހަމަކަށަވަރުން ޖިބްރީލްގެފާނު އަހަރެންގެ ހިތަށް ފުމެލައްވާ (އިލްހާމް) ކުރެއްވިއެވެ: އެއްވެސް ނަފްސެއް އޭގެ ރިޒުޤު ފުރިހަމަވުމުގެ ކުރިން މަރުނުވާނެއެވެ. އެހެންކަމުން، ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި (ރިޒުޤަށް) އެދުމުގައި ރިވެތިގޮތް އިޚްތިޔާރު ކުރާށެވެ." [المستدرك على الصحيحين للحاكم| الرقم : 2136]
ވަޙީގެ އަނެއް ބާވަތަކީ ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީން އިންސާނެއްގެ ސިފައިގައި ވަޑައިގެން ވަޙީ އިއްވެވުމެވެ. ޖިބްރީލް ޙަދީޘުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘަކީ ޖިބްރީލްގެފާނު އިންސާނެއްގެ ސޫރައިގައި ވަޑައިގެން އިސްލާމްދީނުގެ ދަރަޖަތައް އުނގަންނަވައި ދެއްވި ޙަދީޘެވެ.
ވަޙީގެ އަނެއް ބާވަތަކީ ރަނގަބީލުގެ އަޑުފަދަ ބާރުއަޑަކާއި އެކީ ވަޙީ ބާއްވައިލެއްވުމެވެ. އަލްޙާރިޘް ބިން ހިޝާމުއޭ ކިޔުނު ބޭކަލަކު ރަސޫލާ ﷺ އަށް ސުވާލު ދެންނެވިއެވެ: "ކަލޭގެފާނަށް ވަޙީ އަންނަނީ ކިހިނެއްތޯ؟ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ބައެއް ފަހަރު ރަނގަބީލުގެ އަޑު ފަދައިން (ވަޙީ) ބާއްވައިލެއްވެއެވެ. އަދި މިއީ ތިމަންކަލޭގެފާނަށް އެންމެ އުނދަގޫ ގޮތެވެ. ފަހެ އެއަޑު ކެނޑިގެންދާ ހިނދު އޭގައި ބުނެފައިވާ އެއްޗެއް ތިމަންކަލޭގެފާނަށް ފަހުމުވެދެއެވެ." [صحيح البخاري | الرقم : 3043]
ވަޙީގެ އަނެއް ބާވަތަކީ ޖިބްރީލުލް އަމީން ޙަޤީޤީ ސޫރައިގައި ވަޑައިގެން ބަސްފުޅު ވަޙީކުރެއްވުމެވެ.
މިބާވަތްތަކުގެ ތެރެއިން ކީރިތި ޤުރުއާން ބާއްވައިލެއްވިފައިވަނީ ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީން މެދުވެރިވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ * نَزَلَ بِهِ الرُّوحُ الْأَمِينُ * عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ * بِلِسَانٍ عَرَبِيٍّ مُّبِينٍ﴾ سورة الشعراء 192-195
މާނައީ: "ހަމަކަށަވަރުން، އެޤުރުއާނަކީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެޤުރުއާނައިގެން ފައިބައިވަޑައިގަތީ، ޖިބްރީލްގެފާނެވެ. އެއީ (މީސްތަކުންނަށް) އިންޒާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. (އެޤުރުއާން ބާވައިލެއްވީ) ބަޔާންވެގެންވާ ޢަރަބި ބަހުންނެވެ." (ނުނިމޭ)
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.