ރާއްޖެއަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް އިންޑިއާގެ ބޮޑުވަޒީރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މުއިއްޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރާއި ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމައި، އެ މަޝްރޫއުތައް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ އިންޑިއާ އިން ރާއްޖެ އަށް ދެމުންދާ އެހީތަކަށް އެގައުމުގެ ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ބޮޑުވަޒީރު މޯދީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.
It was a pleasure to meet @DrSJaishankar today and join him in the official handover of water and sewerage projects in 28 islands of the Maldives. I thank the Government of India, especially Prime Minister @narendramodi for always supporting the Maldives. Our enduring partnership… pic.twitter.com/fYtFb5QI6Q
— Dr Mohamed Muizzu (@MMuizzu) August 10, 2024
މި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ވަނީ ހީނަރުވެގެން ގޮސްފަ އެވެ. އެއީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ނިސްބަތްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ބަދު ބަސް ވިދާޅުވެ، ފުރައްސާރަ ކުރެއްވި މައްސަލައިގަ އެވެ. އެއާ އެކީގައި ދިވެހި ސަރުކާރުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައި ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑް ކުރި އެވެ.
ނަމަވެސް ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވާން ފަށައިފަ އެވެ. އެގޮތުން ކުރީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުން ދާދިފަހުން އިންޑިއާ އިން ފަސްކޮށްދީފައިވާއިރު، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވެސް ވަޑައިގެންނެވި އެވެ.