އިންޑިއާ އަބަދުވެސް އޮންނާނީ ގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްލަހަތު އިސް ކުރާ، ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތް ލިބޭ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ޔަގީން ކުރެވޭ ގޮތަށް އެއްބާރުލުން ލިބޭ ހުރިހާ ގައުމަކާއެކު ތަފާތު ކުރުމެއް ނެތި ގާތް ގުޅުން އޮންނާނެ ވާހަކަ މެނިފެސްޓޯގައި ވެސް ބަޔާންކޮށްފައިވާނެ ކަމަށާއި އެއީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ.
"މި ސަރުކާރުގެ ސިޔާސަތު އެއްވެސް އިރަކު އެއަކުން އެއް ކައިރިއަށް ޖެހިފައެއް ނުވޭ. ކުރިއަށް އޮތްތާގައި ވެސް ނުޖެހޭނެ. އިންޑިއާއާ އެކީގައި ހަމަ އެ ގާތް ގުޅުން ދެ ގައުމަށް ފައިދާ ވާ ކަންކަމުގައި އަދި މި ސަރަހައްދުގެ ރައްކާތެރިކަމާއި މި ސަރަހައްދުގެ ޕީސް އެންޑް ސްޓެބިލިޓީއަށް ދެ ގައުމުގެ ގުޅުން އޮންނާނީ ވަރުގަދަކޮށް ކުރިއަށް އޮތްތާގައި ވެސް،" ރައީސް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން މި ގައުމުން ފޮނުވާލުމަކީ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އިންޑިއާއާ ދޭތެރޭ އޮންނަ ގާތް ގުޅުމުގެ ތެރެއިން ރިވެތި މަޝްވަރާގެ ތެރެއިން އެކަން ވެސް ހައްލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖެ-އިންޑިއާ ގުޅުމަކީ އެތައް ޒަމާނެއްވީ ގާތް ގުޅުމެއް ކަމަށާއި އެ ގާތް ގުޅުމުގެ ތެރެއިން އެތައް އަހަރެއްގެ ތެރޭގައި ދިވެހި ގައުމަށް އެހީތެރިކަން އިންޑިއާ އިން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.