މި ސަރުކާރުން މިސްރާބު ޖަހާފައި ހުރީ ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސިޔާސީ މަގާމުތައް އަދާކުރާ މީހުން ވެސް ބޭންކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދު އިސްލާހުކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން މި ގޮތަށް މިކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ކަމަށާއި މި ސަރުކާރުން މި ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު ކަމަށެވެ. އަދި ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ޤާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް. ދުޅެހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ އަދި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު،" ފައްޔާޒު ވިދާޅުވި އެވެ.
ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދުގައި ކުރިން ކަނޑައަޅާފައި އޮންނަ ގޮތުން ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.
ނަމަވެސް އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ކެބިނެޓު މިނިސްޓަރަކަށެވެ.
ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭ އިން އިސްލާހުކޮށްފައި މި މަރުކަޒީ ބޭންކްގެ އޮނިގަނޑަށް ވެސް ގެނައި ބަދަލަކާ އެކީ ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާ ގޮތަށް ހަމަޖައްސާފައި ވަނިކޮށެވެ.