ކުރީ ސަރުކާރުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރަން ފެށޭނެ ތާރީހެއް ބުނަން ދަތިކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް، އިންވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯ ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގުޅީފަޅުން ބިން ހަވާލުކުރަން ފެށޭނެ ވަކިތާރީހެއް ބުނަން ދަތިކަމަށެވެ.
ގުޅީފަޅު ބިން އެއްކޮށް ހިއްކާ ނުނިމޭކަން ފާހަގަކޮށް މިނިސްޓަރު ހައިދަރު ވަނީ ގުޅީފަޅަކީ ބްރިޖް މަސައްކަތަށް ވަރަށް ބޮޑަށް ބޭނުން ކުރާ ތަނެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ސައިޓް ހުސް ކުރެވޭނީ އަންނަ އަހަަރު ސެޕްޓެމްބަރަށް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މައުލޫމާތު ދޭކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދެވޭނީ އެ މަސައްކަތް ނިމުމުން ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ގުޅީފަޅުން ބިން ދީފައިވަނީ ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އެކަމާ ގުޅިގެން ތަކުލީފަކާ ނުލާ އުޅޭވޭނެ ގޮތަށް ލޭންޑްޔޫޒް ޕްލޭން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ލޭންޑްޔޫޒް ޕްލޭން މިހާރު އޮތީ ފާސްކުރުމުގެ ފަހު މަރުހަލާގައި ކަމަށް ވިދާޅުވިއެވެ. ގިރާވަރު ފަޅުން ގޯތިލިބުނު ބައެއް ފަރާތްތައް ގުޅީފަޅަށް ބަދަލުކުރަންޖެހޭ ކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްގެން ކުރާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މައުލޫމާތު ދެއްވިކަން ފާހަގަކޮށް ހައިދަރު ވިދާޅުވީ ގުޅީފަޅުން 85 ހެކްޓަރު ހިއްކަން އެބޮތްކަމަށެވެ. އަދި ބިން ހިއްކުމަށްފަހު ގޯތި ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.