Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް އައްޑޫގައި

މި އަހަރު ބާއްވާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް އައްޑޫގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

ފަނަރަ ވަނަ "ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" ބާއްވަން ނިންމާފައި ވަނީ ކެނަރީފު ރިސޯޓްގަ އެވެ.

އެ ސޯޓްގައި މުބާރާތް އޮންނާނީ ނޮވެމްބަރު މަހު 5-11 އަށެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ ވިދާޅުވީ މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނީ 2022، މިދިޔަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވާލެއް ފުރިހަމަކުން ކަމަށެވެ.

މިކަމާ ގުޅިގެން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނީ މި ފުރުސަތު ލިބިގެން ދިޔައީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކީގައި ކަމަށެވެ.

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީގައި ބާއްވަން ފުރުސަތު ލިބުނު އިރު، މީގެ ކުރިން ވެސް އައްޑޫގައި ބައިނަލްއަގުވާމީ ބޮޑެތި ބައެއް ކުޅިވަރު މުބާރާތްތައް ބާއްވާފައިވެ އެވެ.
އޭގެ ތެރޭގައި 2014 ގެ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ސްޓޭޖުގެ ބައެއް މެޗުތަކާއި 2019 ވަނަ އަހަރު ސާކް ސަރަހައްދުގެ ގައުމުގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ހިމެނެ އެވެ.