ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ބަތަލާ ރާނީ މުކަރްޖީ އަށް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ދައުވަތު ލިބިއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ދެ މީހުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަން ހަމަޖެހިފައި ވަނީ މިހާރު ބާއްވަން ތައްޔާރީތައް ވަމުން އަންނަ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފް) ފެށުމުގެ ދެ ކުރިން މާދަމާ އެވެ.
ކޮންމެ އަހަރަކު މި ބާއްވަމުން އަންނަ މި ފެސްޓިވަލްގެ މި އަހަރުގެ އެޑިޝަން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ގަ އެވެ. އިންޑިއާގެ ފިލްމީ ދާއިރާގެ ނުފޫޒު ގަދަ އެތައް ބަޔަކު ބައިވެރިވާނެ ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 25 އާ ހަމަށެވެ.
މި ފެސްޓިވަލާ ދިމާކޮށް ކަރަން އާއި ރާނީ އަށް އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމާ ގުޅިގެން، އިންޑިއާގެ ފިލްމީ ދާއިރާގެ ނުފޫޒު މުޅި ދުނިޔެ އަށް އޮތް މިންވަރާއި އެ ދާއިރާ ކުރިއަރަމުން އަންނަ ގޮތާ ބެހޭ ގޮތުން ދެ މީގުން ދައްކާނެ އެވެ.
އޮސްޓްރޭލިއާ އަކީ ވެސް ބޮލީވުޑް ފިލްމުތަކުގެ ނުފޫޒު ވަރަށް ގަދަ ގައުމެކެވެ. އަދި އެ ގައުމުގައި އިންޑިއާގެ ފިލްމުތައް ވަރަށް ގިނައިން ޝޫޓް ވެސް ކުރެ އެވެ.
ކަރަން އާއި ރާނީ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަން ހަމަޖެހިފައިވާ ސެޝަންގައި މަޖިލީހުގެ މެންބަރުންގެ އިތުރުން ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ކަރަން އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރު/ޑައިރެކްޓަރެވެ. ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ ކަރަންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ރާނީ އަކީ ކަރަން ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގެ އެއް ބަތަލާ އެވެ. އެ ފިލްމުގެ ފަހުން އޭނަ ކަރަންއާ އެކީ "ކަބީ ހުޝީ ކަބީ ޢަމް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" ގައި ވެސް މަސައްކަތްކުރި އެވެ.
ރާނީ އަކީ 2000 ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދި އެއް ބަތަލާ އެވެ.