އައްޑޫގެ މަގުތައް ހަދައި ނިންމަން މި މަޝްރޫއުގެ ދެވަނަ ފޭހެއް އަންނަން ޖެހޭ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުން އައްޑޫގައި ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރަން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް ވަޑައިގެން އިއްޔެ އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ އައްޑޫގެ މަގުތައް ފުރިހަމަކޮށް ނިމިގެން ދިއުން ކަމަށްވާތީ އެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި މަޝްރޫއުގެ ދެވަނަ ފިޔަވައްސެއް މުހިއްމު ކަމަށެވެ.
އައްޑޫގެ މަގުތައް ހަދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ. ދެހާސް އެކާވީހުގައި އަމަލީ މަސައްކަތް ފެށި އިރު، އެ މަޝްރޫއުގެ ތެރެއިން އައްޑޫގެ ހުރިޖާ އަވަށްތަކަކުން ވެސް ގިނަ މަގުތައް ހަދާފައިވާ އިރު، އަދިވެސް ބައެއް މަގުތަކުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.
އެހެންވެ މަގު ހެދުމުގެ މަޝްރޫއު އަކީ ފުރިހަމަ މަޝްރޫއަކަށް ހެދުމަށް މީގެ ދެވަނަ ފޭހެއް އަންނަން ޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ. އެހެން ނޫން ނަމަ ހެދިފައި ހުރި މަގުތައް ވެސް ހަލާކުވެގެން ހިނގައިދާނެ ފަދަ ގޮތަކަށް ބައެއް މަސައްކަތްތައް ހުރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑު އެދެނީ މިކަމަށް ގޮތެއް ހޯދައި ދެއްވުމަށް. މި ވާހަކަ ދައްކާ އިރު، ކޮންސްޓްރަކްޝަން މިނިސްޓަރު ވެސް މުއްތަލިބް ވެސް އެބަ އިންނެވި އަދި އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރު ވެސް އެބަ އިންނެވި." ނިޒާރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މަގުތައް ހަދަން ކުރިން ވެސް ފަންޑު ލިބުނު ގޮތަށް މި ސަރުކާރުން މަސައްކަތްކޮށްގެން ވެސް ފަންޑް ހޯދައިގެން ދެވަނަ ފޭހަކަށް ދެވިދާނެ ކަމަށެވެ.
ނިޒާރު ވަނީ އައްޑޫގައި ހަދާފައި އޮތް ލިންކް ރޯޑް ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު ވެސް އަލުން ހަދަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. އަދި ލިންކި ރޯޑަކީ އައްޑޫގެ ތަރައްގީއަށް ވަރަށް މުހިއްމު މަގެއް ކަމަށާއި އެ މަގު މަރާމާތު ކުރުމަށް ނުވަތަ ހަންކެޑެ ބްރިޖު ފަދަ ހަތަރު ލޭންގެ މަގަކަށް އެ މަގު އަލުން ހެދުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާ ހެދި އައްޑޫ ހަންކެޑެ އާ ބްރިޖަކީ ހަތަރު ލޭން އެކުލެވޭ ގޮތަށް ހަދާފައިވާ ބްރިޖެކެވެ. މިކަން ވެސް ކުރިއަށް ގެންދިޔައީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިންނެވެ.