މިދިޔަ ސަރުކާރުން ދިނުމަށް ނިންމި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މުރާޖާ ކުރުމުގެ މަސައްކަތް މިމަހު މެދުތެރޭގައި ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ހުޅުމާލޭގެ ފޭސް 2 ގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ކާމިޔާބުވި ފަރާތްތައް އެ ފްލެޓްތައް ހަވާލުކުރެވޭނީ ކޮންއިރަކުންތޯ މިނިސްޓަރު ހައިދަރާ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްތަރު ހައިދަރު ވިދާޅުވީ މިސަރުކާރުން ހަވާލުވިއިރު އޭސީސީން އޮތީ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ހުއްޓުވާފައި ކަމަށެވެ. އޭސީސީގެ ތަހުގީގު ނިންމިއިރު ފްލެޓްތައް ދޭއިރު ވަކިކަންކަން ކުރުމަށް ލާޒިމުކޮށްފައިވާ ކަމަށެވެ.
މިހާރު މަސައްކަތް ކުރަނީ އޭސީސީން ދީފައިވާ ލަފަޔާއި އެއްގޮތަށްކަން ފާހަގަކޮށް މިނިސްޓަރު ހައިދަރު ވިދާޅުވީ މިނިވަން ކޮމިޓީއެއް އެކުލަވާލައިގެން ލަފާވާނީ ހޯދާފައިވާކަމަށާއި ސިޓީ ކައުންސިލްގެ ކޮމިޓީއެއް އެކުލަވާލައިގެންވެސް މަޝްވަރާކޮށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ މިމަހު މެދުތެރޭގައި ފްލެޓް ލިސްޓް މުރާޖާ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ފްލެޓް އެންމެ ހައްގުވާ 4000 ފަރާތް އޮކްޓޫބަރުގައި ކަނޑައަޅާ ނިންމާލެވޭނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިމަހުގެ މެދުތެރޭގައި [ފްލެޓް ލިސްޓް] މުރާޖާ ކުރުމުގެ މަސައްކަތް ފެށިގެންދާނެ." މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ އޭސީސީން ވަކި ކަންތައްތަކެއް ކުރުމަށް އިރުޝާދު ދީފައިވާ ކަމަށާއި އެކަންކުރެވެން އަންނަނީ ފްލެޓް ލިސްޓް އެއްކޮށް މުރާޖާ ކޮށްގެންކަމަށެވެ.
4000 ފްލެޓް އިމާރާތްކޮށް ނިމޭނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. ހުރިހ ފޯމެއް މުރާޖާ ކޮށްގެން ނޫނީ އެންމެ ހައްގުވެރި ފަރާތްތަކަށް ފްލެޓް ލިބޭކަމަށް ކަނޑަނޭޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.