ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަރީ ތައްޔާރު ކުރުމަށްޓަކައި ޓްރާންސްޕޯޓް ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ޓްރާންސްޕޯޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ މުޙައްމަދު އަމީނެވެ.
ނެޝަނަލް ގްރީންހައުސްގޭސް އިންވެންޓަ ތަކުން ޓްރާންސްޕޯޓް ދާއިރާ އަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ގާތްގަނޑަކަށް 25 ޕަސެންޓް ހިއްސާކުރާ ދާއިރާއެއްކަން ދެނެގަނެވިފައިވެ އެވެ. ނަމަވެސް އެ ދާއިރާއިން ބޭނުންވާ ތަފްސީލު މައުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރެވިފައިވެ އެވެ.
ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޕެރިސް އެގްރީމެންޓްގެ އެކުލަވާލަންޖެހޭ ބައިއެނިއެލް ޓްރާންސްޕޭރަންސީ ރިޕޯޓް (ބީޓީއާރް) އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ފަދަ ރިޕޯޓުތައް އެކުލަވާލައި، އަދާހަމަ ކުރުމަށް ޓްރާންސްޕޯޓުގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހަކަމާ އެކު ހޯދުމަށް މަގުފަހިވެގެން ދާނެ އެވެ.
މީގެ އިތުރުން، ޓްރާންސްޕޯޓުގެ ދާއިރާ އިން ލިބޭ މަޢުލޫމާތު ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާ ވެގެންދާނެ އެވެ.
މިއީ ކެޕޭސިޓީ ބިލްޑިން ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް (ސީބީއައިޓީ މޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތަކެވެ. މި ޕްރޮޖެކްޓަކީ އެންބަޔަރަމަންޓް މިނިސްޓްރީ އާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (ޔޫއެން އެންވަޔަރަންމަންޓް) އާ ގުޅިގެން ގްލޯބަލް އެންވަޔަރަންމަން ފެސިލިޓީ (ޖެފް) ގެ އެހީގައި ހިންގާ ޕްރޮޖެކްޓެކެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލު ހޯދުމަށާއި ޖައްވު ހޫނު ކުރާ ގޭސް ބޭރުކުރެވޭ މިންވަރު މަދުކޮށް ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ އަދި ގިނަވެގެން 2 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކުރުމަށް 2015 ގައި ވަނީ ޕެރިސް ކުލައިމެޓު އެގްރީމެންޓް އެކުލަވާލަފައިވެ އެވެ.
އެއީ ރާއްޖެ ވެސް ބައިވެރިވެފައިވާ މުހިންމު އެއްބަސްވުމެކެވެ.
ޕެރިސް އެގްރީމެންޓްގައި ކޮންމެ ޤައުމަކުންވެސް ޖައްވަށް ދޫކުރާވިހަ ގޭހުގެ މަޢުލޫމާތާއި، ވިހަގޭސް ޖައްވަށް ދޫކުރާ ވަރު މަދުކުރުމަށް ހިންގާ ތަފާތު މަޝްރޫއުތަކާއި ބެހޭ މަޢުލޫމާތާއި، އެޑެޕްޓޭޝަންގެ ދާއިރާތަކުން ހިންގާ މަޝްރޫއު ތަކުގެ މަޢުލޫމާތާއި، މިފަދަ މަޝްރޫއުތަކަށް ހޭދަކުރާ އަދި އިންވެސްޓު ކުރާވަރާވަރާ ބެހޭ މަޢުލޫމާތު އެއްކޮށް، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްއަށް ރިޕޯޓުކުރުމަށް ކަނޑައަޅާފައިވެ އެވެ.