ރާއްޖެ އާއި ބަހްރެއިންގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބަހްރެއިނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުލްއާތިފް ބިން ރާޝިދު އަލް ޒަޔާނީއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބައްޓަންކޮށްފައިވަނީ ދެ ގައުމުގެ މެދުގައި ގާއިމުވެފައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކަމަށެވެ. އަދި ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ޒަމީރު ބަހްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރާއި ވެސް ބައްދަލުކުރައްވާ، ރާއްޖޭގައި ހުރި އިންވެސްޓްމެންޓުގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވަނީ އަރުވާފަ އެވެ.