ބޭރުގެ އަސްކަރިއްޔާތަކަށް ވެސް ހުޅުވާލައިގެން އެމްއެންޑީއެފުން ބޭއްވި ކޯސްޓްގާޑް ބޭސިކް ޑައިވިން ކޯހުގެ 12 ވަނަ ކޯސް ނިންމާލައިފި އެވެ.
ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް އާއި ކޯސްޓްގާޑް ޓްރެއިނިން ސްކޫލް ގުޅިގެން ހިންގި ކޯހުގެ ނިމުން ފާހަގަކުރީ އިއްޔެ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ކޯހުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޢާޒު ޙަލީމެވެ. ކޯހުން ފާސްވި ދަރިވަރުންގެ މޭމަތީގައި ބެޖު ޕިންކޮށްދެއްވައި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަޙްމަދު ޣިޔާޒް އެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަ ކާނަލް މުޙައްމަދު ރިޒްމީ ވަލީދެވެ.
ސާދަ ހަފުތާގެ މުއްދަތަށް ގިރިފުށީގައި ހިންގި މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމާއި، މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމަށް ހޮވުނީ، ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަން އެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމަށް ހޮވުނީ ސްރީލަންކަން ކޮމާންޑޯގެ ލާންސް ކޯޕްރަލް އާރ ޕީ އާކޭ ދިލްޝަނެވެ.
ކޯހުގައި ބައިވެރިވި ރާއްޖެ އިން ބޭރު އަސްކަރިއްޔާތަކުގެ ޑައިވަރުންގެ ތެރެއިން ހޮވާ ބެސްޓް ފޮރިން ސްޓޫޑެންޓް މަޤާމަށް ހޮވުނީ ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަން އެވެ.
އިނގިރޭސި މީޑިއަމަށް ހިންގި ކޯހުގައި ޖުމުލަ 17 ސިފައިން ބައިވެރިވެ ކޯސް ފުރިހަމަ ކުރި އެވެ. ކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިއާ، ސްރީ ލަންކާ، ނޭޕާލް، ތުރުކީ، ބަންގްލަދޭޝް އިން ނުވަ ސިފައިން ބައިވެރިވި އެވެ.