އެމްޓީސީސީގެ ކެޕޭސިޓީ ނެތްވަރަށް އެ ކުންފުންޏަށް ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޝްރޫއުތައް ކުރިއަށް ގެންދަންޖެހެނީ އިސްކަންދޭ ތަރުތީބަކުން ކަމަށާއި އެގޮތަށް ކުރިއަށް ގެންދަންޖެހެނީ ބަޖެޓްގެ ތާށިކަން ހުރި މިންވަރާއި ސޮއިކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މިންވަރަށް ފައިސާ ލިބިފައިނެތުމުންކަމަށެވެ.
އެމްޓީސީސީއަށް 150 އަށްވުރެ ގިނަ ޕްރޮޖެކްޓް ހަވާލުކޮށްފައިހުރިކަން ފާހަގަކޮށް މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއްފަހަރާ އެވަރުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ ކްޕޭސިޓިވެސް އެމްޓީސީސީގައި ނެތްކަމަށެވެ.
އެހެންކަމުން ފެށިފަ ކުރިއަށްދާ މަޝްރޫއުތައް އަވަހަށް ނިންމާފައި، އެނިމޭ ތަރުތީބަކުން އަލަށް އެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަށް އެމްޓީސީސީއަށް ދަންނަވާފައިވާ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމޭނެ ގޮތަކަށް ބަލައިގެން އަދި ބަޖެޓްގެ ތާށިކަން ހުރި މިންވަރާއި އެމްޓީސީސީގެ ކެޕޭސިޓީ ހުރި މިންވަރަށް ބެލުމަށް ލަފާދިފައިވާނެކަމަށެވެ. އަދި މިގޮތަށް މަސައްކަތް ކޮށް ވީހާވެސް އަވަހަށް މަޝްރޫއުތައް ނިންމޭނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެމްޓީސީއަށް ލަފާދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ އުސޫލުން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.