Last Updated: January 11, 20:19
Saturday, January 11, 2025
ޚަބަރު

ވިއްސާރައިގެ ގެއްލުންކަށް އެހީ ފޯރުކޮށް ދޭނަން

ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ގެއްލުންވާ ފަރާތްތަކަށް އިސްކަމެއް ދީގެން އެހީ ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ.

"މިގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ޙައްލުކުރުން. އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ. ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ މޫސުމީ އެލާޓްވެސް ނެރެފައެވެ. އެގޮތުން އޮޖެންޖް، ޔެލޯ އަދި ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

ބޯކޮށް ވާރޭވެހި ރާއްޖޭގެ ރަށްރަށުގައި ފެން ބޮޑުވުމުެގ ހާދިސާތައް ހިންގަމުންދާއިރު ފެން ހިންދުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.