Last Updated: January 11, 20:19
Saturday, January 11, 2025
ޚަބަރު

ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ- ފޮޓޯ: ފުލުހުން

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުންދާތީ އެއްގަމު އަދި ކަނޑު ދަތުރުތައް ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުންދާއިރު، ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މާލޭގެ މަގުތަކުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެއްގަމު އުޅަނދު ދުއްވުމާއި ހިނގާބިނގާވެ އުޅުމުގައި ވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރެއްވުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ.

ފުލުހުން ވަނީ، މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކަށް މެނުވީ ނުދުއްވުމަށް އެދިފައެވެ.

މީގެއިތުރުން ފުލުހުން ވަނީ ސިނަމާލެ ބްރިޖު އަދި ހައިވޭއިން ދަތުރުކުރައްވާއިރު ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން އުޅަނދު ދުއްވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާ އަދި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހޭއިރު އުޅަނދު ދުއްވާނަމަ ހެޑް ލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައިވާތީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.