Last Updated: January 11, 20:19
Saturday, January 11, 2025
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލް -- ފޮޓޯ / ސަން

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރިބިއުނަލްގެ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރު އިސްމާއިލް ސާޖިދު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސް އަށް ލަފާއެރުވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރުމަށް ރައީސްއަށް ލަފާއެރުވުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ޖުޑިޝަރީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ޓްރިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ، ޓްރިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލު، މެންބަރު އަހްމަދު އަޝްރަފް އަދި މެންބަރު ހަދީޖާ ނައީމްއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، ޓެކްސާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތައް ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ ތަނެވެ. ޓެކްސާ ގުޅޭ ކަންކަމުގައި ތަންތަން ބަލައި ފާސްކުރުމާއި، ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ވެސް އެ ޓްރައިބިއުނަލަށް ލިބިގެންވެ އެވެ.