އިޒްރޭލަށް 20 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
އެމެރިކާ އިން އިޒްރޭލަށް ހަތިޔާރު ވިއްކުމަށް ނިންމާފައިމިވަނީ، ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ބޮޑު ގަތުލްއާންމެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އިޒްރޭލަށް ވިއްކުމަށް ނިންމާފައިވާ ހަތިޔާރުތަކުގެ ތެރޭގައި 50 ފައިޓާ ޖެޓާއި، މެދު ރާސްތާގެ މިސައިލާއި، ހަތިޔާރުތަކަށް ބޭނުންވާ ވަޒަނާއި އެ ނޫންވެސް ހަނގުރާމަ މަތީ އާލާތްތައް ހިމެނެ އެވެ.
އެމެރިކާ އަކީ އިޒްރޭލުގެ އެންމެ ގާތް އަދި އެގައުމަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމު ކަމަށްވާއިރު، އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދޭން ފެށިފަހުން މިހާތަނަށް އެމެރިކާ އިން ވަނީ 2،000 ޕައުންޑްގެ 10،000 ބޮމާއި ގިނަ އަދަދެއްގެ މިސައިލުތައް އިޒްރޭލަށް ފޯރުކޮށްދީފަ އެވެ. އިޒްރޭލުން ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި ވެސް ވަނީ ގާޒާ އިން 25 މީހަކު ޝަހީދުކޮށްލާފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 39،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.
ގަތުލްއާންމުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ވަނީ ގޮސްފަ އެވެ. އަދި ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.