އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގެއްލުންތައް ލިބިގެން ރިޕޯޓްކުރި ރަށްތަކުގެ އަދަދު 20 އަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ ގެއްލުންވެގެން ރިޕޯޓްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އިހަވަންދު އާއި ހޯރަފުއްޓާއި ބާރަށާއި އުލިގަމާއި މާރަންދު އާއި ތަކަންދު އާއި މުރައިދު އާއި ކެލަ އާއި އުތީމާއި މޮޅަދު އާއި ވަށަފަރާއި ފިއްލަދީގެ އިތުރުން ހދ. ނޮޅިވަރަންފަރާއި ނޮޅިވަރަމާއި ހަނިމާދު އާއި ނެއްލައިދު އާއި ކ. ހުރަ އާއި އައްޑޫ ހިތަދު އާއިޮ ފޭދޫގެ އިތުރުން މީދޫ ކަމަށެވެ.
އެންޑީއެމްއޭ އިން ބުނީ ގެއްލުންވި ރަށްތަކުގެ ތެރެއިން ބާރަށުގެ ދެ އާއިލާއަކާއި ހޯރަފުށީގެ ދެ އާއިލާއަކާއި ކެލާގެ ދެ އާއިލާއެއްގެ އިތުރުން އިހަވަންދޫގެ ދެ އާއިލާ އަށް އެހެން ތަންތަނަށް ބަދަލު ވެސް ކުރަން ޖެހުނު ކަމަށެވެ.
އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވެ، އެކި ވަރުގެ ގެއްލުތައްވުމުގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން ބައެއް ރަށްރަކުން ރުއްގަސް ވެސް ވެއްޓިފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އިއްޔެ ބޯކޮށް ވާރޭ ވެހުނީ ވެރިރަށް މާލެއަށެވެ.