ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އިއްވާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މި މައްސަލަ ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއެވެ. ޖުޑިޝަރީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ފާސްކޮށްފައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި މިމައްސަލަ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާ ކުރުމަށް ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
ޕީޖީ ޝަމީމް ވަކިކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރޭޕްގެ ދައުވާ ލިބުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ދައުވާ ފައިލް ކުރަން ނިންމުމާއި، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމަށް ނިންމުމާއި، ސަފާރީ ރޭޕް ކޭސްގެ މައްސަލައިގައި ދަށުކޯޓުގެ ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެނައުން، އަލަމްގީރު މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ނުކޮށް ފައިލް ކުރުން އަދި ވެންޓިލޭޓަރުގެ މައްސަލައިގައި މީހުންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުން ހިމެނެއެވެ.
ކޮމިޓީގައި މައްސަލަ ކުރިއަށްދާއިރު ޕީޖީ ޝަމީމަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭނެއެވެ.