އިންވެސްޓުމެންޓާ ބެހޭ ބިލު ފާސްވުމުން ރާއްޖޭގައި ވިޔަފާރިކުރަން ފަސޭހަވެ، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަަތުތައް ވެސް ރައްކާތެރިކުރެވޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އިންވެސްޓުމެންޓާ ބެހޭ ބިލާ ބެހޭ ގޮތުން މިއަދު މަޖިލީހުގެ ޖަލްސާގައި އޭނަ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ވިޔަފާރި ފެށުމާއި ވިޔަފާރިކުރަން ފެސޭހަ މިންވަރު ބެލުމަށް ބޭނުންކުރާ "އީޒް އޮފް ބިޒްނަސް އިންޑެކްސް" ގައި ރާއްޖެ މިހާރު އޮތީ 190 ގައުމުގެ ތެރެއިން 144 ވަނައިގަ ކަމަށެވެ.
އެހެންވެ މިފަދަ ހާލަތެއްގައި ރާއްޖޭގައި ވިޔަފާރިއެއް ފެށުމަކީ ދިވެއްސަކަށް ވެސް ފަސޭހަކަމެއް ނޫން ކަމަށާއި އަމުދުން ބިދޭސީ ވިޔަފާރިތަކަށް ރާއްޖޭގައި ވިޔަފާރި ފެށުން ވެސް އަދި ވިޔަފާރިކުރުންވެސް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ދިވެއްސަކު ވިޔަފާރިއެއް ފަށާނަމަ އެއީ ފަސޭހަކަމެއް ނޫން. ބިޒްނަސް ޕާމިޓުތައް ހޯދުމާއި، އެކިއެކި ޓެކްސްތަކާ ގުޅޭ ހުއްދަތައް ހޯދުމާއި، ބޭންކު އެކައުންޓުތައް ހުޅުވުމާ މިއީކީ ފަސޭހަ ކަންކަމެއް ނޫން،" އޭނަ ވިދާޅުވި އެވެ. "އަދި އަމުދުން ބޭރުގެ ފަރާތްތަކަށްވާނީ އުނދަގޫ ކަންކަމަށް."
އަޒާން ވިދާޅުވި ގޮތުގައި ފާއިތުވި 15 ވަރަކަށް އަހަރު ރާއްޖޭގައި އިންވެސްޓްކުރި ބޭރުގެ އިންވެސްޓަރުންނަނަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަކީ އިންވެސްޓަރުނަށް މިހާތަނަށް ކުރިމަތިވަމުން އައު ގިނަ މައްސަލަތަކަށް ހައްލުތަކެއް ލިބޭނެ ބިލެއްކަމަށެވެ.
އޭނަ ވިދާޅުވީ އާ ބިލުން ބޭރުގެ އިންވެސްޓަރުންގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ އިތުރަށް ދިވެހި އިންވެސްޓަރުންނާއި ވިޔަފާރިތައް އަދި ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ވެސް ހިމާޔަތްކުރެވި، ވިޔަފާރިތަކުގެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެ އެވެ. އެގޮތުން ރާއްޖޭގައި ބޭރު މީހުންނަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތައް ކަނޑައެޅުމުގައި ބަލާނެ ކަންކަން ގާނޫނުގައި ބަޔާންކޮށްފައިވާކަމާއި، ގައުމީ ސަލާމަތާ ގުޅިގެން އިންވެސްޓުކުރުން ލިމިޓް ކުރެވޭނެ ދާއިރާތައް ވެސް ބިލުގައި ބަޔާންކޮށްފައިވާކަން އަޒާން ފާހަގަކުރެއްވި އެވެ.
އަޒާން ވިދާޅުވީ ރާއްޖެ ދުނިޔޭގެ އެއްވަނަ ފަންތީގެ ގައުމަކަށް ހެދުމަށް މިފަދަ ގާނޫނުތައް ވުޖޫދުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.