ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުން ހިމަނައިގެން ފިލްމެއް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރަން ބޭނުންވާ ކަމަށް ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.
އޭނަ ޑައިރެކްޓްކޮށް، ކުޅުނު ދެވަނަ ފިލްމު "އިމަޖެންސީ" ގެ ޓްރެއިލާ ލޯންޗްކުރަން މިއަދު މުމްބާއީގައި ބޭއްވި ހަފުލާގެ ތެރޭގައި ކަންގަނާ ބުނީ އާމިރު ޚާނާއި ޝާހްރުކް ޚާންގެ އިތުރުން ސަލްމާން ޚާންގެ ހަގީގީ ހުނަރު މިހާތަނަށް އެންމެ އެކަށީގެންވާ ވަރަށް ނެރެދެވިފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
އެހެންވެ އެ ތިން ޚާނުން ހިމަނައިގެން އެ މީހުންގެ ހަގީގީ ހުނަރާއި ތަޖުރިބާ ވެސް ބޭނުންކޮށް، މުޖުތަމައުއާ ވަރަށް ގުޅުން ހުރި ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ބޮޑު ކަމަށް ކަންގަނާ ބުންޏެވެ.
"އަސްލު ތެެދަށް ބުނަންޏާ މިހާތަނަށް ވަރަށް މަދު ފިލްމުތަކެއްގައި ނޫނީ ތިން ޚާނުންގެ ހަގީގީ ހުނަރު ފިލްމުތަކުގައި ގެނެސްދިފައެއް ނެތް." ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ކަންގަނާ ބުނީ ތިން ޚާނުންނަކީ ވެސް ވަރަށް ހުނަރުވެރި، މޮޅު އަދި ރީތި އެކްޓަރުންތަކެއް ކަމަށެވެ. އަދި އެ ތިން ތަރިންނަކީ ފިލްމު ބަލާ މާސް އޯޑިއަންސް ވަރަށް ގަޔާވާ ބައެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
"ތިން ޚާނުންކީ ވެސް ވަރަށް ކާމިޔާބު ތިން އެކްޓަރުން. އެހެންވެ އަހަރެން ބޭނުން އެ މީހުންގެ ހަގީގީ އާޓިސްޓިކް ސައިޑް ފިލްމަކުން ދައްކުވައި ދޭން." އޭނަ ބުންޏެވެ.
ތިން ޚާނުން ހިމަނައިގެން ފިލްމެއް ހެދުމުގެ ޝައުގުވެރިކަން ކަންގަނާ ފާޅުކުރި އިރު، ސަލްމާނާއި އާމިރަކީ އޭނަގެ ވަރަށް ގާތް ދެ ރައްޓެހިންނެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހާތަނަށް ބޮލީވުޑްގެ އެއްވެސް ޕްރޮޑިއުސަރަކަށް، ޑައިރެކްޓަރަކަށް ތިން ޚާނުން ހިމަނައިގެން ފިލްމެއް ގެނެސް ދެވިފައި ނުވާކަމެވެ. އެހެންވެ ކަންގަނާ އަށް މިކަން ވެދާނެތޯ ވެސް އެއީ ވަރަށް ބޮޑު ސުވާލެކެވެ.
މިހާރު ސިޔާސީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އަންނަ ކަންގަނާގެ "އިމަޖެންސީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 އެވެ. މިއީ އޭނަ ލޯކް ސަބާ އަށް އިންތިހާބުވި ފަހުން ރިލީޒްކުރާ ފުރަތަމަ ފިލްމެވެ.