އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"އެހެންވެ ހައުސިންއަށް ޓޯޓަލް ސޮލިއުޝަން ހޯދުމަކީ މި ސަރުކާރުގެ އަމާޒެއް،" ޝަފީގު ވިދާޅުވި އެވެ. "އިޖުތިމާއީ ހުރިހާ މައްސަލަތަކުގެ ރޫޓު ކޯސްއަކީ ގެދޮރުގެ މައްސަލަތައް. އެއަށް ހައްލެއް ހޯދައި ދިނުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން."
މިނިސްޓަރު ވިދާޅުވީ ސިޔާސަތުތަކަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ނިންމަވާފައިވާ ކަމަށެވެ.
"މިހާރު މި ބަލަނީ ހައުސިން މަޝްރޫއެއް އިންޑިއާގެ އެލްއޯސީ [ލައިން އޮފް ކްރެޑިޓް] ގެ ދަށުން ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅިުވި އެވެ. "އެއީ ވަރަށް ރަނގަޅު ޓާމްއެއްގައި ލިބިފައި އޮތް ފެސިލިޓީއެއް. އޭގެ ދަށުން މި އަހަރުގެ ތެރޭގައި ހަތަރުހާސް ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ މި ބަލަނީ."
ނަމަވެސް މި މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ އެލްއޯސީގެ ދަށުން ބޭނުން ކުރާނީ ކިހާ އަދަދެއްގެ ފައިސާއެއްކަމާއި އެ މަޝްރޫއު ހިންގާނެ ވަކި ތަނެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އިންޑިއާ ސަރުކާރުން 2018 ގައި ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓް ލޯނު ދީފައިވެ އެވެ. އަދި އެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 2022 ގައި އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ދޫފައިވެ އެވެ.