* މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހާ
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ وَلاَ يَنْظُرُ إِلَيْهِمْ وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ” (رواه مسلم)
މާނައީ: މާތް ﷲ ޤިޔާމަތް ދުވަހު ތިން މީހަކާ ބަސްވަޙީނުކުރައްވާނެއެވެ. އަދި ޠާހިރު ނުކުރައްވާނެއެވެ. އަދި އެބައިމީހުންނަށް (ރަޙްމަތުގެ ބެއްލެވުމަކުން) ބައްލަވާވޮޑިނުގަންނަވާނެއެވެ. އަދި ވޭންދެނިވި ޢަޛާބު އެއުރެންނަށް ހުއްޓެވެ. (އެ ތިން މީހުންނަކީ) މުސްކުޅި ޙާލުގައި ޒިނޭކުރާމީހާއާއި ދޮގުވެރި ވެރިޔާއާއި އަދި ފަޤީރު ޙާލުގައި ކިބުރުވެރިވެ ބޮޑާވާމީހާއެވެ.
* ފަޤީރު ޙާލުގައި ބޮޑާވެ ކިބުރުވެރިވާ މީހާ
ޤިޔާމަތް ދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައި ފަޤީރު ޙާލުގައި ބޮޑާވެގަންނަމީހާ ހިމެނެއެވެ. ބޮޑާވެގަތުމަކީ ކޮންމެ ޙާލަތެއްގައިވެސް އެކަމުން ދުރުވާން ޖެހޭ ގޯސް ސިފައެކެވެ. އަދި މީހަކު ފަޤީރުވެ ނިކަމެތިވެފައިވާ ޙާލަތުގައި ބޮޑާވެގަންނަނަމަ އެކަމުގެ ފާފައިގެ ބޮޑުކަން މިވަނީ އިސްވެދިޔަ ޙަދީޘްފުޅުގައި ރަސޫލުﷲ ﷺ ބަޔާންކޮށްދެއްވާފައެވެ.
* ދޮގު ހަދާ ރަސްކަލުން (ވެރިން)
ދޮގު ހަދާ ރަސްކަލުން ހިމެނެނީ ޤިޔާމަތްދުވަހު މާތް ﷲ ބަސްވަޙީނުކުރައްވާނޭ މީހުންގެ ތެރޭގައެވެ. ދޮގުހެދުމަކީ އިސްލާމްދީނުގައި އެންމެންގެ މައްޗަށްވެސް މަނާކުރައްވާފައިވާ ކަމެކެވެ. ފާފައެކެވެ. އަދި ރަސްކަލަކު ނުވަތަ ވެރިޔަކު ދޮގުހަދާކަމުގައިވާނަމަ އެކަމުގެ ފާފައިގެ ބޮޑުކަން އިތުރުވެގެންދާކަމަށް އިސްވެދިޔަ ޙަދީޘުން ދަލީލު ލިބެއެވެ.
* މީހުންނަށް އިޙުސާންތެރިވެފައި ކަލަގޮވާ މީހާ
މިއީ ވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލީލު ފަހުން ބަޔާން ކުރާނަމެވެ.
* ދޮގު ހުވާކޮށްގެން މުދާ ވިއްކާ މީހާ
ދޮގުހުވާކޮށްގެން މުދާވިއްކާ މީހާއަކީވެސް ޤިޔާމަތް ދުވަހު މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަލީލު އަންނަނިވި ނުކުތާގެދަށުން ބަޔާންކޮށްލާނަމެވެ.
* ތަނބިކަށިން ތިރިއަށް އިޒާރުގެ ފައިކުރި ތިރިކުރާ ފިރިހެނާ
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ الْمَنَّانُ الَّذِي لاَ يُعْطِي شَيْئًا إِلاَّ مَنَّهُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْفَاجِرِ وَالْمُسْبِلُ إِزَارَهُ” (رواه مسلم)
މާނައީ: “ޤިޔާމަތް ދުވަހު މާތް ﷲ ތިން މީހަކަށް ބަސްވަޙީނުކުރައްވާނެއެވެ. (ފުރަތަމައީ) ކަލަގޮވާމީހާއެވެ. ކަލަނުގޮވައި އޭނާ މީހަކަށް އެއްޗެއް ނުދޭނެއެވެ. އަދި (ދެވަނައީ) ދޮގުހުވާކޮށްގެން މުދާވިއްކާމީހާއެވެ. އަދި (ތިންވަނައީ) ތަނބިކަށްޓަށްވުރެ ތިރިއަށް އިޒާރުގެ(ތިރިން ލާ/އަންނަ ފޭރާމުގެ) ފައިކުރި ބަހައްޓާ ފިރިހެނާއެވެ.”
މާތް ﷲ އަޅަމެން، ޤިޔާމަތް ދުވަހު އެކަލާނގެ ބަސް ވަޙީނުކުރައްވާ މީހުންގެ ތެރެއިން ނުލައްވާށިއެވެ! އާމީން!
ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.