މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާންމު ބަލިތައް ފެތުރުމުގެ ފުރުސަތު އޮތުމާ ގުޅިގެން އެފަދަ ކަންކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިއްސާރަވެ ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކްތައް އޯވަފްލޯވެ، ނަޖިސް ބޭރުވުން ފަދަ ކަންކަމުގެ ސަބަބުން ފެން ހަރުލާފައިހުރުމުން ބައެއް ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ ބޭރަށް ހިންގުމާއި ހޮޑުލުމާއި، ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި، މޯލްޑް (ފަންގަސް) ގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ، ޗިކުންގުންޔާ އަދި ޒިކާ ފަދަ ބަލިތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ސަމާލުވާން ޖެހޭ ކަންކަން:
* ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ ފެންގަނޑަށް ނޭރުން، ހާއްސަކޮށް ކުޑަކުދިން ފެންގަނޑަށް އެރި ކުޅެ ނުހެދުން
* އެއްވެސް ހާލަތެއްގައި ފެންގަނޑަށް އެރެން ޖެހިއްޖެނަމަ ވޯޓާޕްރޫފް ތަކެތި ބޭނުންކުރުން، (ރަބަރު ބޫޓާއި ރަބަރު އަންގި އަދި ނުތެމޭ ފަދަ ކޯޓު)
* ހަމުގައި ފާރުގނޑެއް ހުރިނަމަ ފެނަށް ނޭރުން، ކޮންމެހެން އެރެން ޖެހިއްޖެނަމަ ފެން ނުވަންނަ ފަދަ މަލަމަކުން ރަނގަޅަށް ފާރުގަނޑު ބަންދުކުރުން
* ފެން ހިންދުމާއި ސާފުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެޗްޕީއޭއިން ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުން
* ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
* ފެނުން ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުން، އަދި ގޯތިތެރޭގައި/ދަނޑުގައި ފެންބޮޑުވެފައިވާ ނަމަ އެތަންތަނުގައި ގަސްގަހުގައި އަޅާފައިވާ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުން
އެޗްޕީއޭ އިން ވަނީ އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވެސް އިރުޝާދު ދީފަ އެވެ.