ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ފެންނަ އާ އިޝްތިހާރެއް ދައްކާލައިފި އެވެ.
ކުރިން ވެސް އެކީގައި މަޝްހޫރު ބައެއް ބްރޭންޑްތަކުގެ އުފެއްދުންތައް އެންޑޯޒްކޮށްފައިވާ ދެ ތަރިންގެ އާ އިޝްތިހާރަކީ ގޭތެރޭގެ ޒީނަތްތެރި ކަމަށް ހާއްސަ އުފެއްދުންތައް ގެނެސްދޭ ޑީ-ޑެކޯގެ "ފެބްރިކެއާ" ގެ އިޝްތިހާރެކެވެ. މިއީ ހަޑިވުމުން ވަރަށް ފަސޭހައިން ސާފުކޮށްލެވޭ ސޯފާ އާއި ދޮރުފައްޗަށް ހާއްސަ އުފެއްދުމެކެވެ.
ރަންބީރާއި އާލިއާއާ އެކީ "ފެބްރިކެއާ" ގެ އިޝްތިހާރު ގެނެސްދީފައި ވަނީ ވަރަށް "ޕޮޝް"ކޮށެވެ.
މި ދެމަފިރިން މިހާރު އަންނަނީ ދެވަނަ ފިލްމެއް ވެސް އެކީގައި ކުޅެން ތައްޔާރުވަމުންނެވެ. އެއީ މި އަހަރުގެ ނޮވެމްބަރު ހިސާބުގައި ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އެވެ. ކާސްޓްގައި ވިކީ ކޯޝަލް ވެސް ހިމެނޭ އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ދެހާސް ބާވީހުގައި ކައިވެނިކޮށް މިހާރު ދޮޅު އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި ރަންބީރާއި އާލިއާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ.
އޮކްޓޯބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ޖިގްރާ" ގެ ބަތަލާ މިހާރު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ސްޕައި ޔުނިވާސްގެ "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ.
ރަންބީރު މިހާރު އަންނަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" ގެ މަސައްކަތް ކުރަމުންނެވެ.