Last Updated: November 27, 17:17
Wednesday, November 27, 2024
މުނިފޫހިފިލުވުން

ވަރޫން ވެސް "ބޯޑާ 2" އަށް

ސަނީ ޑިއޯލް ހިމަނައިގެން ޖޫން މަހުގެ ތެރޭގައި އިއުލާންކުރި "ބޯޑާ 2" ގެ ކާސްޓަށް މިހާރު ވަރޫން ދަވަން ވެސް ނަގާފައިވާ ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސަނީއާ އެކީ ފިލްމުގެ ބޮޑު ރޯލަކުން ވަރޫން ފެންނާނެ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި ފިލްމުގެ ކާސްޓް ރަސްމީކޮށް އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބޯޑާ 2" ގެ ކާސްޓްގައި އަޔޫޝްމަން ކްރާނާ ވެސް ހިމެނޭނެ އެވެ.

އެކަމަކު ޖޫން މަހުގެ 13 ގައި މި ފިލްމު ހަދާކަން އިއުލާންކުރި އިރު، ކާސްޓްގައި ސަނީ ހިމެނޭކަން ކަށަވަރުކޮށް ދިނުން ފިޔަވައި، އިތުރު ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

"ބޯޑާ 2" ހަދަން ހަމަޖެހިފައި ވަނީ 1997 ގައި ރިލީޒްކުރި "ބޯޑާ" ޕްރޮޑިއުސަރު/ޑައިރެކްޓަރު ޖޭޕީ ދައްތާގެ އާއިލީ ފިލްމު ކުންފުނި، ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ. މި ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އަނޫރާގް ސިންގްއާ އެވެ. އޭނަ އަކީ އަކްޝޭ ކުމާރާ އެކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2019 ގައި ގެނެސްދިން ހަނގުރާމަ ފިލްމު "ކޭސަރީ" ގެ ޑައިރެކްޓަރެވެ.

"ބޯޑާ" އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެެއް ހަނގުރާމަ ފިލްމެވެ. މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނުން 1971 ގައި ކުރި ލޮނގެވާލާ ހަނގުރާ އަށް ބިނާކޮށް ގެނެސްދިން ފިލްމެވެ. މީގެ ކާސްޓްގައި ސަނީގެ އިތުރުން ސުނިލް ޝެޓީ، އަކްޝޭ ކަންނާ ޖެކީ ޝްރޮފް، ޕޫޖާ ބަޓް، ތައްބޫ، ރާކީ، ޕުނީތު އިސާރު އަދި ސުދޭޝް ބެރީ ފަދަ ތަރިން ހިމެނެ އެވެ.