ޓޫރިޒަމަށް ކުރިއެރުވިދާނެ ހާއްސަ އެތައް ސިފަތަކެއް އައްޑޫގައި އެބަހުރި ކަމަށާއި އެހެންވެ އެ ދާއިރާ ފުޅާ ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ގަމުގައި "ޑެސްޓިނޭޝަން އައްޑޫ ސަމިޓް: ވަން ބްރޭންޑް ވަން ސްޓޯރީ" ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އައްޑު އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބޮޑު ޕަސެންޓޭޖެއްގެ މީހުން ނިސްބަތްވާ ސިޓީ ވެސް ކަމަށެވެ.
އެހެންވެ ހަރުދަނާ ޕްލޭންތަކެއްގެ ތެރެއިން ދެމަހެއްޓެނިވި ގޮތަކަށް އައްޑޫގައި ޓޫރިޒަމް ދާއިރާ ކުރިއަރުވައި ފުޅާކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އައްޑު އަށް ބޭނުންވާ އިންވެސްޓުމަންޓުތައް ހޯދުމަށް ދަތި ނުވާނެ ކަމަށާއި އައްޑު އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ރިސޯޓުތަކުގައިވެސް އެންމެ ގިނަވާނީ އައްޑޫ ސިޓީގެ ބޭފުޅުން،.މިކަމަށް ބޭނުންވާ ސްކިލްސެޓް ވަރަށް ރަނގަޅަށް އައްޑޫ ސިޓީގައި އެބައޮތް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "އިންވެސްޓުމަންޓަށް ބަލާއިރު، އައްޑޫގެ އެންމެ ރަށެއްގައި އެބަތިބި ރާއްޖޭގެ ސާޅީސް ރިސޯޓުގެ އޯނަރުން."
މިނިސްޓަރު ވިދާޅުވި ގޮތުގައި ވިދާޅުވީ އައްޑު އަކީ ޓޫރިޒަމް ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. ކަމަށެވެ. އެގޮތުން ގުދުރަތީ ގޮތުންނާއި ތާރީޙީ ގޮތުން ވެސް ހާއްސަ ސިފަތަކެއް އައްޑޫގައި ހުރި ކަމަށް ވިދާޅުވި އެވެ.
"އެހެން ތަންތަނުގައި ނެތް ހާއްސަ ސިފަތަކެއް އައްޑޫ ސިޓީގައި އެބަހުރި. ހާއްސަ ބަހުރުވައެއް އެބައޮތް. ބޭރުގެ އެކި ޤައުމުތަކާއި ގުޅުވާލައިގެން ކިޔައި ދެވޭނެ ވާހަކަތަކެއް އެބައޮތް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތްކަމަށް ޤަބޫލުކުރެވޭ."