ދޮންނަން ޖެހޭ ގުނަވަންތަކުގައި ފެންޖެހުން މަނާކުރާ ހުރިހާ އެއްޗެއް ފިލުވާލުމަކީ ވުޟޫ ޞައްޙަވުމަށްޓަކައި ޝަރުޠުވެގެންވާ ކަމެކެވެ. މިސާލަކަށް ތެލާއި، ނިޔަފަތި ޕޮލިޝްކުރާ އެއްޗިހި، ވެކްސް، މޫނުގައި ޖަހާ ފުށް، މޭކަޕް، ފައުންޑޭޝަން، މަސްނޫޢީ އެސްފިޔަ، އަދި އަތުގައި އަޅާ ފާޑުފާޑުގެ އެއްޗިހިވެސް މީގެ ތެރޭގައި ހިމެނެ އެވެ.
\ވުޟޫކުރާ އިރު ދޮންނަން ޖެހޭ ގުނަވަންތަކުގައި ތެރެއިން ގުނަވަނެއްގައި، ހަންގަނޑަށް ފެން ވާޞިލުވުން މަނާކުރާ އެއްވެސް އެއްޗެއް ހާކާފައިވާ ނަމަ، އެ އެއްޗެއް ނުފިލުވާ ކުރާ ވުޟޫ ޞައްޙައެއް ނުވާނެ އެވެ. އެހެނީ ވުޟޫކުރާ އިރު ދޮންނަން ޖެހޭ ގުނަވަނެއްގެ ކުޑަ ތަންކޮޅެއްގައިވެސް ފެން ނުޖެހޭނަމަ ވުޟޫ ޞައްޙައެއް ނުވާނެ އެވެ.
عن عمر بن الخطاب رضي الله عنه قال : ( أَنَّ رَجُلًا تَوَضَّأَ فَتَرَكَ مَوْضِعَ ظُفُرٍ عَلَى قَدَمِهِ فَأَبْصَرَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : ارْجِعْ فَأَحْسِنْ وُضُوءَكَ ، فَرَجَعَ ثُمَّ صَلَّى ) . روى مسلم (243)
ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “މީހަކު ވުޟޫކުރި އިރު އޭނާގެ ފައިގައި ނިޔަފައްޗެއްގެ މިންވަރުގެ ތަންކޮޅެއް ފެން ނުޖެހި އިނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ. “އެނބުރިދާށެވެ! ތިބާގެ ވުޟޫ ރަނގަޅުކުރާށެވެ!” އޭގެ ފަހުގައި އެމީހާ އެނބުރި އަތުވެއްޖެއެވެ. އަދި ނަމާދުކޮށްފިއެވެ.”
ޞަޙީޙު މުސްލިމްގެ ޝަރަޙާގައި އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދޮވުން ވާޖިބުވާ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއްގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް ނުދޮވެ ދޫކޮށްލުމުން ވުޟޫ ޞައްޙަ ނުވާނޭ ކަމުގެ މައްޗަށް މި ޙަދީޘުން ދަލީލުކުރެއެވެ. އަދި ނޭނގިނަމަވެސް އެފަދަ ތަންކޮޅެއް ދޫކުރެވިއްޖެ މީހެއްގެ ވުޟޫވެސް ޞައްޙަ ނުވާނޭކަން މި ޙަދީޘުން ދަލާލަތު ކުރެއެވެ.” ” انتهى من “شرح مسلم”
ވީމާ، މި ޒަމާނުގައި މި ބޭނުންކުރާ ފައުންޑޭޝަންތަކާއި، މޭކަޕު، ލިޕްސްޓިކް ފަދަ ތަކެތި ބޭނުންކޮށްގެން ހުރެ، ވުޟޫ ކުރަންޖެހިއްޖެނަމަ އެ ތަކެތި ފިލުވާލަން ޖެހޭނެ އެވެ. އެއީ އެ ތަކެއްޗަކީ ހަންގަނޑުގައި ފެންޖެހުން މަނާކުރާ ތަކެއްޗެވެ. ފިލުވާނުލާ ވުޟޫކުރާ ނަމަ ވުޟޫ ޞައްޙައެއް ނުވާނެ އެވެ.
ނޯޓް: ދިސަލަފިއްޔާ