Last Updated: November 27, 13:29
Wednesday, November 27, 2024
ޚަބަރު

ތަރައްގީ ހާސިލުވާނީ ގައުމުތަކާ ގުޅުން ހަރުދަނާކޮށްގެން

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތުއާއި އެނޫން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އިންޑިއާ ސަރުކާރުން ވަރޗުއަލްކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުންނެވެ. މި ބައްދަލުވުމުގެ ޝިޢާރަކީ، "ޗާރޓިންގ އަ ނިއު ޕެރެޑައިމް ފޮރ ގްލޯބަލް ސައުތު" އެވެ.

މިނިސްޓަރު ޒަމީރުގެ ތަގްރީރުގައި، 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް މަރުހަބާ ދެންނެވި އެވެ. އަދި، މި ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ޤައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ޚާއްސަކޮށް ގްލޯބަލް ސައުތުއަށް ނިސްބަތްވާ ޤައުމުތަކަށް ލިބިގެން ދިޔަ މަންފާ ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.

ގްލޯބަލް ސައުތުގެ ޤައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ، އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯރކްތަށް އަދާހަމަކޮށްގެންކަމަށް ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރުން، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި، ގްލޯބަލް ސައުތު އާއި، މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތުކަންވެސް ޒަމީރު ފާހަގަކުރެއްވި އެވެ. އަދި، ރާއްޖެފަދަ ޤައުމުތަކުގެ ތަރައްޤީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޭލެއްގެ މަތިން ގްލޯބަލް ސައުތުގެ ޤައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވި އެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ޤައުމުތައް، ވަކިން ޙާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފްތިތާހްކޮށްދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.