ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމަކީ ސަރުކާރުން ނިންމި ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން އުވާލައި އަދި މިޔަރުގެ މަސްވެރިކަމަށް ހުއްދަދިނުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށާއި އެ ނިންމުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ލިބުނު ފައިދާތައް ބަދަލުކޮށްލާނެ ނިންމުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ލިބިފައިވާ ޝަރަފާއި ލީޑާޝިޕަށް ނުރައްކާވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އެ ނިންމުން ބަދަލުކޮށް ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހު އެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ޚިޔާލަށް ވެސް ހުޅުވާލާފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމަށް ލައިސަސްދީފައިވާ އުޅަނދު ފަހަރުތަކުގައި ސީދާ މިޔަރަށް އަމާޒުކޮށް މަސްވެރިކަން ކުރުމަކީ މަނާކަމެއްގެ ގޮތުގައި ގަވައިދުގައި ހިމަނާފައި ވެ އެވެ.