އިސްލާހީ ދަތުރުގައި އަދާލަތު ޕާޓީއަކީ އެމްޑީޕީގެ މުހިންމު ބައިވެރިއެއް ކަމަށާއި އަދާލަތު ޕާޓީގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް މުހިންމު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ 19 ވަނަ އަހަރީދުވަހުގެ ތަހުނިޔާ ފޮނުވާ ކުރެއްވި ޓްވީޓެއްގައި ފައްޔާޒް ވިދާޅުވީ ވޭތުވެދިޔަ މުއްދަތުގައި އަދާލަތު ޕާޓީން ސާބިތުކޮށްދިނީ ސިޔާސީ ޕާޓީތަކަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް މުހިންމުކަން ކަމަށެވެ.
ރާއްޖޭގައި މެދުނުކެނޑި ދެމިއޮތް ދެވަނަޔަށް އެންމެ ދޮށީ ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އަދާލަތުގެ ތަޖުރިބާ ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުހަނު މުހިންމު ކަމަށެވެ.
އިސްލާހީ ދަތުރުގަ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ އަދި ދިވެހިރައްޔިތުންގެ މުހިންމު ބައިވެރިއެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ އަޅުގަނޑުގެ ތަޖުރިބާގައި ޢަދާލަތު ޕާޓީއަކީ ސިޔަސީ މަސައްކަތުގައި އިތުބާރުކުރެވޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވުނު މަސައްކަތުގެ އިހްލާސްތެރި ބައިވެރިއެއް." ފައްޔާޒް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ 19 ވަނަ އަހަރީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާޓީގެ ރައީސް ޝައިޚް އިމްރާނަށާއި ޕާޓިގެ އިލްމުވެރިންނަށާއި އެންމެހާ މެންބަރުންނަށް އަރިސްކުރަން.
ވޭތުވެދިޔަ މުއްދަތުގައި ޢަދާލަތު ޕާޓީއިން ސާބިތުކޮށްދިނީ ސިޔާސީ ޕާޓީތަކަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް… pic.twitter.com/FDhzeRAy6m— Fayyaz Ismail (@faya_i) August 18, 2024
ނިމުނު އެމްޑީޕީގެ ވެރިކަމުގައި އަދާލާތު ޕާޓީއަކީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓިއެކެވެ. އަދި ސަރުކާރުގެ މުހިންމު މަގާމުތަކެއްގައި އަދާލަތި ޕާޓީއަށް ނިސްބަތްވާ ފަރާތްތައް ތިއްބެވެ. އަދި ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީވެސް އަދާލަތު ޕާޓީންނެވެ.