ރިތިކް ރޯޝަންގެ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ފިލްމުގެ ބަތަލާއަކަށް ވާނީ ޝްރަދާ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކައެއް ދެކެވެން ފެށީ ދާދި ފަހުން ޝްރަދާ އާންމުކުރި ޕޯސްޓަކަށް ރިތިކްކުރި ކޮމެންޓަކާ ގުޅިގެން އެ ދެ މީހުންގެ މެދުގައި ހިނގި މުއާމަލާތަކާ ގުޅިގެންނެވެ. އެގޮތުން އިރުގެ ދޯދިތަކުގެ ޖާދޫގެ އިންތިޒާރުގައި ހުރި ކަމަށް ބުނެ ޝްރަދާ އާންމުކުރި ޕޯސްޓްގައި ޖާދޫގެ ދޯދިތައް ހިފައިގެން އަންނަން އުޅޭ ކަމަށް ރިތިކް ބުނެފައިވެ އެވެ.
މީޑިއާތަކުން ރިތިކްގެ އެ "ޖާދޫ" ސިފަކުރީ 2003 ގެ "ކޮއި…މިލް ގަޔާ" ގައި ހިމެނޭ އޭލިއަން ކެރެކްޓާ ޖާދޫގެ ގޮތުގަ އެވެ. އަދި ރިތިކްގެ އެ ކޮމެންޓާ ވިއްދައިގެން ޝްރަދާ އެހީ ކޮން އިރަކު، ކިހިނެއް، ކޮން ތާކުތޯ އެވެ. އެގޮތުން އެ ދެ ތަރިންގެ މި ވާހަކަ މީޑިއާތަކުން ގުޅުވީ "ކްރިޝް 4" ގެ ބަތަލާ އަކީ ޝްރަދާ ކަމަށް ދިން އިޝާރާތެއްގެ ގޮތުގަ އެވެ،
ރިތިކާއި ޝްރަދާ އަދި މިހާތަނަށް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފައެއް ނުވެ އެވެ. އެހެންވެ މި ޖޯޑު ސްކްރީނުން އެކީގައި ދެކިލުމުގެ ޝައުގުވެރިކަން ފޭނުންގެ މެދުގައި ވެސް ބޮޑެވެ.
"ކްރިޝް 4" ހަދަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ހައެއްކަ އަަހަރުވެފައިވާ އިރު، މިއާ ބެހޭ ގޮތުން މިހާތަނަށް އެތައް ވާހަކައެއް ދެކެވިފައިވެ އެވެ. އެގޮތުން ހަތަރު ވަނަ ބައިގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯނާއި ޖެކްލީން ފެނާންޑޭޒާއި ކްރިތީ ސެނަން ފަދަ ތަރިން ނަގަން ނިންމިކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ކްރިޝް 4" ޑައިރެކްޓްކުރާނީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ރިތިކާއި ދީޕިކާގެ "ފައިޓާ" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ.
"ކްރިޝް" އަކީ ރިތިކްގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަން 2003 ގައި ގެނެސްދިން "ކޮއި…މިލް ގަޔާ" ގެ ވާހަކައިން ކުރި ފަޅުވައިގެން ގެނެސްދޭން ފެށި އެއްޗެކެވެ. އެގޮތުން 2006 ގައި "ކްރިޝް" ގެނެސްދިނުމަށް ފަހު "ކްރިޝް 3" ރިލީޒްކުރީ 2013 ގަ އެވެ. އެ ދެ ފިލްމު ވެސް ޑައިރެކްޓްކުރީ ރާކޭޝް އެވެ.
އަދި "ކްރިޝް" އާއި "ކްރިޝް 3" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެެ. "ކްރިޝް 3" ގެ ރޯލެއް ކަންގަނާ ރަނާވަތު ވެސް ކުޅުނެވެ.
ރިތިކް މިހާރު އަންނަނީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ވޯ 2" ގެ މަސައްކަތް ކުރަމުންނެވެ.
ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ބުރާސްފަތީގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި މިހާރު ރަނިކަން ކުރަމުން އަންނަ ހޮރޯ-ކޮމެޑީ "އިސްތިރީ 2" އެވެ.