ތ. ވޭމަންޑޫގައި ފުލުހުން މީހަކު ހައްޔަރު ކުރުމަށް އުޅުމުގެތެރޭ އަނިޔާކުރި ކަމަށްބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ވޭމަންޑު ޕޮލިސް ސްޓޭޝަން ކައިރީ ބަޔަކު އެއްވެ އަޑުގަދަކުރާ މަންޒަރެވެ. އެމީހުން ދިޔައީ ފުލުހުން މީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭ އޭނާއަށް އަނިޔާކޮށްފައިވާ ކަމަށްބުނެ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ތ. ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވިކަމަށްބުނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް އަމަލުކުރިގޮތުން ނޭފަތަށް ޒަހަމުތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތުލިބެއެވެ.