ކްރައިމް-މާފިއާ ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ބުނެފި އެވެެ.
ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އަންހެން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ޒޯޔާ އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިއަށް ބިނާކޮށް ހަދާ ފިލްމަކީ ބެލުންތެރިންނަށް ވަރަށް ޝައުގުވެރި އެއްޗަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
ޒޯޔާ ބުނި ގޮތުގައި އޭނަގެ ކްރައިމް-މާފިއާގެ ޖޯންރާގެ ފިލްމަކީ ބައްޕަ ޖާވިދު އަޚްތަރާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ގުޅިގެން 70 އާއި 80 އަހަރުތަކުގައި ލިޔުނު ސްކްރީންޕްލޭތަކަށް ހެދި ކަހަލަ ސްޓައިލްގެ ފިލްމަކަށް ވާނެ އެވެ.
"އެ މީހުންގެ މަސައްކަތް އިންސްޕިރޭޝަނަކަށް ނަގައިގެން އަހަރެން އާ ސްކްރިޕްޓް ލިޔަނީ." ޑައިރެކްޓަރު/އެކްޓަރު ފަރުހާން އަޚްތަރުގެ ދައްތަ ބުންޏެވެ.
ނަމަވެސް އާ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ޒޯޔާ ނުދެ އެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު މުޅިން ޒުވާން އާ ކާސްޓަކާ އެކީ ނެޓްފްލިކްސް އަށް ގެނެސްދިން ޓީން މިއުޒިކަލް ކޮމެޑީ "ދި އާޗީސް" އެވެ. ޒޯޔާ ގެނެސްދިން އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ގަލީ ބޯއި"، "ޒިންދަގީ ނާ މިލޭގީ ދުބާރާ" އަދި "ދިލް ދަޅަކް ނޭ ދޯ" ހިމެނެ އެވެ.